ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ގެންގުޅޭ، "ހާސް ކަނޑައިލާ، ހަމަޖެހޭނެ" މި ޝިއާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް މިރޭ ތަފްސީލު ކޮށްދެއްވައިފި އެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި އަމީން ވިދާޅުވީ އެ ޝިއާރު ކަނޑައެޅުއްވީ ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި އެތައް މައްސަލަތަކަކާއި އެ މައްސަލަތަކުގެ ހާސްކަން އޮތްކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. ގޯތިގެދޮރުގެ ދަތިކަމާއި މާލީ ދަތިކަމާއި މަސްތުވާތަކެތީގެ މައްސަލަ އަކީ އެގޮތުން ހުރި މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަރުދީ ފެންވަރުގައި ހުރި އެ މައްސަލަތަކުގެ އިތުރުން، ގައުމީ ފެންވަރުގައި ދައުލަތަށް ކުރިމަތިވެފައިވާ އެތައް މަސައްލައެއް އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.
"އެހެންވެގެން ގާސިމްގެ ފުރަތަމަ ސްލޯގަން އަކަށް އެ ވިދާޅުވީ ހާސްކަނޑާލާށޭ، ތިމަންނާ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ހަމަޖައްސައިދޭނަމޭ. އެ ހަމަޖައްސައިދިމުގެ އެންމެ މުހިއްމު އަސާސަކީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ހަރުދަނާ ނިޒާމެއް ދައްކައިދިނުން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފަސޭހަކުރަން ވެސް ޖޭޕީގެ ސަރުކާރެއްގައި ގާއިމްކުރާނީ ހަރުދަނާ ނިޒާމެކެވެ. ރައްޔިތުންނަށް ބޭނުންވާ ތަަރައްގީ އާއި ކުރިއެރުން ހޯދައިނުމުގައި ވެސް އޭރުން އޮންނާނީ ހަރުދަނާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނިޒާމުގެ ކަށަވަރުކަން ގާސިމްގެ އަމިއްލަ ތަޖުރިބާއިން ދައްކައިދެމުން ދަނީ،" އަމީން ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ވިލާ ގްރޫޕްގެ ކުންފުނިތަކެވެ. އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން މަސައްކަތްކުރާ ކުންފުނިތައް ކަމަށް ވާއިރު، އެ ކުންފުނިތަކުން ރަނގަޅު ނިޒާމެއް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޓޫރިޒަމަށް ގާސިމް ގެންނެވި އިންގިލާބު. ދިވެހިންނަށް ހޯއްދަވައިދެއްވި ފުރުސަތުތައް. ދިވެހިންނަށް ހޯޯއްދަވައިދެއްވި ފުރުސަތުތައް، އެތަނުން ފެނޭ ހަރުދަނާ ނިޒާމެއް،" އަމީން ވިދާޅުވި އެވެ.
ނިޒާމީ ގޮތެއްގައި ގާސިމް ކަންކަން ހިންގަވާ ގޮތުގެ އެހެން މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ބޭސްފަރުވާކުރަން މީހުންނަށް އެހީތެރިވުމުގެ ކަންތަކެވެ.











