"އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން މާލެ-ހުޅުމާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރުމަށްޓަކައި މާލެ-ހުޅުމާލެ ހައިވޭ އާއި ބޯށިމާ ހިނގުން ބައެއް ގަޑިތަކުގައި ބަންދު ކުރަން ނިންމައިފި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަންދު ކުރަނީ ހުޅުމާލޭގައި ގާއިމުކުރާ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ހައިވޭ އާއި ބޯށިމާ ހިނގުމުގައި ގާއިމުުކުރާ ސަބް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ބޯށިމާ ހިނގުމަކީ ހުޅުމާލެއަށް ދެވެން އޮންނަ މަގެވެ.
އަދި މި މަސައްކަތް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް ކަމަށާއި އެ ގަޑިތަކުގައި ހައިވޭގެ ހަތަރު ސަރަހައްދަކާއި ބޯށިމާ ހިނގުމުގެ އެއް ސަރަހައްދުގެ މަގުގެ އެއް ލޭނު ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ބައެއް ސަރަހައްދުތައް
މިނިސްޓްރީން ވަނީ މި ދެ ދުވަހު މަސައްކަތްކުރާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 5.6 މެގަވޮޓް ސޯލާ ޕީވީ ހަރުކުރާއިރު ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާ ގުޅާލާ، ކަރަންޓު އުފައްދަން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެސްޕަޔާ މަޝްރޫއުގެ ސަބަބުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެޔޮ އިމްޕޯޓު ކުރުމަށް ކުރުމަށް ކުރާ ހަރަދާއި އަދި ކަރަންޓުގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވެގެންދާނެ އެވެ. މި ނިޒާމުގެ ތެރެއިން 9.1 މިލިއަން ކަރަންޓް ޔުނިޓު އުފައްދާއިރު ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 އާއި 20 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާކުރެ އެވެ.
މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.












