އައްޑޫ ސިޓީން ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކަށް ޝަރުތު ހަމަވީ އެންމެނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހަތަރު އަވަށަކުން 1000 ގޯތި ދޫކުރަން މި އަހަރުގެ ކުރީކޮޅު، އެމްޑީޕީ ރިޔާސީ ޕްރައިމަރީ ދުވަސްވަރު، އިއުލާންކޮށްފަ އެވެ. އެއީ:
- ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި
- ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި
- ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި
- މީދޫން 2000 އަކަފޫޓުގެ 100 ގޯތި
މިކަމާ ގުޅޭ ގޮތުން ކުރި ޓްވީޓެއްގައި އައްޑޫ މޭޔަރު ނިޒާރު ވިދާޅުވީ މާދަމާ ލިސްޓު އިއުލާން ކުރާނެ ކަމަށެވެ. އަދި މިފަހަރުގެ ލިސްޓުގައި ކައިވެނި ނުކޮށް ތިބި ޒުވާނުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ފުރުސަތުގައި ގޯއްޗަށް އެދި 4,160 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމާފައި ވަނީ 3,972 މީހުންގެ އެެވެ. އެއީ ކުރިމަތިލީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސެންޓެވެ.
އައްޑޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2002 ވަނަ އަހަރެވެ. އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިއާއެކު އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.













