ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބެއްގައި ތިން ވަނަ ފަހަރު ވާދަކުރައްވާ އިރު އޭނާއަށް ރައްޔިތުން ފުރުސަތު ނުދެއްވަންވީ ކީއްވެތޯ އޭނާ މިރޭ ސުވާލު އުފައްދަވައިފި އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނުގައި މަދަނީ ޖަމިއްޔާތަކާ އެކު ޖޭޕީން މިރޭ ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ތަނަވަސް ބަޔަކަށް ހަދަން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުމުގެ ގޮތުން ކަމަށެވެ. ދައުަލަތުގެ ފައިސާއިން "ބޮޑުލާރިއެއް ގައި ވެސް ނުޖެހޭނެ"ކަމަށް ވިދާޅުވެ، އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ވާހަކަ އެވެ.
ފިނޭންސް މިނިސްޓަރުކަމާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުކަމާއި އައިއެމްއެފާއި ވޯލްޑްބޭންކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން އަދި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ވާހަކަ އެގޮތުން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއިން އެއްވެސް މަގާމެއް އަދާކުރެއްވި އިރު ދައުލަތުގެ "ބައިސެންޓް" ގައި ވެސް ޖެހިވަޑަައިގެންފައި ނުވާނެ ކަމަށެވެ.
"އެހެންވީމާ ތިޔަ ބޭފުޅުން، [ރައީސުލް ޖުުމްހޫރިއްޔާގެ ގޮތުގައި] ޓެސްޓްކޮށްލައްވަން ވެސް ރަނގަޅެއްނުންތޯއޭ އަޅުގަނޑު މި އަނގަތަޅަމުން ދާއިރު، ކޮންމެ ފަހަރަކު ވެސް ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟" ގާސިމް ވިދާޅުވި އެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ދެ ފަހަރަށް މަސައްކަތް ކޮށްދެއްވާފައި ވާނެ ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓް ހޮވަން މަސައްކަތްކޮށްދެއްވާފައި ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިހާރު މިހުރި ރައީސް ވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަނެއްކާ ޕީޕީއެމްގެ ރައީސް [ކުރީގެ ރައީސް އަބްދުﷲ ޔާމީނު] ވެސް ހޮވައިދިނީ ހަމަ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ހަނދާން ވެސް ގާސިމް މިރޭ އާކުރެއްވި އެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ގާސިމަށް އިއްވި ޖަލުހުކުމާއި އެ ހުކުމާ އެކު ޖަލަށް ވަޑައިނުގެން ރާއްޖޭން ބޭރަށް ވަޑައިގެންނެވުނު ގޮތުގެ ހަނދާން ވެސް އާކުރެއްވި އެވެ.
ގާސިމް އިބްރާހީމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ރާއްޖޭގެ އެންމެ ދޮށީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީ އެކެވެ. އެ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި އޭނާ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ. އެ ދެފަހަރު ވެސް އޭނާއަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ. އެހެން ނަމަވެސް ދެވަނަ ބުރަށް ވަޑައިގެންނެވި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހައްދަވައިގެން، އެ ދެ ސަރުކާރުގެ ވެސް ބާރުވެރިކަން އޭނާ ފުރަތަމަ ހޯއްދެވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅުމުން ގާސިމް ގުޅިވަޑައިގެންނެވީ އިދިކޮޅު ފަރާތްތަކާ އެވެ.











