ޖަލު އޮފިސަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި އޮފިސަރުންނަށް ލިބުނު ޕޮއިންޓުތަކާއެކު ލިސްޓު އިއުލާނުކޮށްފި އެވެ.
ފްލެޓު ލިބޭ ޖަލު އޮފިސަރުންގެ ފްލެޓު އާންމުކޮށް އިއުލާނު ނުކުރި ނަމަވެސް މުވައްޒަފުންނަށް ވަނީ އެކަން އަންގައިފަ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުންނަށް ދެނީ މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން 100 ފްލެޓެވެ. ނަމަވެސް އެއީ ކޮން މަޝްރޫއެއްކަން އަދި ކަނޑައެއް ނާޅަ އެވެ.
ފްލެޓު ލިބޭ ޖަލު އޮފިސަރުންގެ ލިސްޓު އިއުލާނުކޮށްފައިވާއިރު, މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަކުރައްވާ, އެކަން ހައްލުކޮށް ދިނުމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ޒިންމާ އާއި ވާޖިބު އަދާކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ މަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި، ޖަލުތަކުގެ އެކޮމަޑޭޝަންގެ ތާށިކަމާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިކަމެވެ.
"އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އެ ކަންބޮޑުވުމަށް އަޅުގަނޑުމެން ހައްލެއް ހޯދައިދޭނަން. އަދި ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ވެސް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުން ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ނަމުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 4،000 ފްލެޓު އިމާރާތް ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށައިފަ އެވެ. އިތުރު 4000 ފްލެޓާއި 2000 ފްލެޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު, އޭގެ އިތުރަށް 3000 ފްލެޓް އެޅުމަށް ނެގޯޝިއޭޓް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް, އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ އާންމުކޮށްފަ އެވެ. އަދި ބިންވެރިޔާ މަޝްރޫއުގެ ދަށުން ބިން ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް, މިއަދު ވަނީ ގުރު ނެގުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.
އެހެން ނަމަވެސް ކަރެކްޝަނުގެ މުވައްޒަފުންނަށް ފްލެޓު ދޭނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުގެ ތެރެއިން ނޫންކަން ވަނީ އެނގިފަ އެވެ.













