ވެރިކަމަށް ނާންނަ އިރު އެމްޑީޕީއަކީ ވެސް މާބޮޑު ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ އެމްޑީޕީއަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހައިސިއްޔަތުން ކެމްޕެއިން ކުރައްވަން އދ. މާމިނގިލީގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓުލުމުގަައި ބަލަންވީ "ކުޑަޕާޓީއެއް، ބޮޑު ޕާޓީއެއް ނޫން" ކަމަށެވެ. އެމްޑީޕީގެ ނަން ނުގެންނަވައި، ގާސިމް ވިދާޅުވީ އެޕާޓީ ބޮޑު ޕާޓީއަކަށް ހަދައިދިނީ ޖޭޕީން ކަމަށެވެ.
"ވެރިކަން ނުލިބެނީހެއް އެމީހުންނެއް ބޮޑުޕާޓީއަކަށް ނުވޭ. އަޅުގަނޑުމެން ބައިވެރިވެގެން، ޖުމްހޫރީޕާޓީގެ ހިތްވަރާއި މިންނެތް މަސައްކަތުން، ތިޔަ ބޭފުޅުން ކޮށްދިން ކަންތައްތަކުން އެމީހުން ބޮޑުޕާޓީއަށް ވީ. ފުރަރަމަ ރޭހުގައި ދަނީ ހަަމަ އެއްވަރަކަށް, ފަންސަވީސް ފަންސަވީސް،" ގާސިމް ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖޭޕީން އެމްޑީޕީއާއެކު ކޯލިޝަން ހެދި އެވެ. ގާސިމް މިރޭ ވިދާޅުވި ގޮތުގައި އެ ދެ ފަހަރު ވެސް އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނީ ޖޭޕީގެ ވެސް މިންނެތް މަސައްކަތުންނެވެ.
ސިޔާސީ މަސައްކަތުގައި 1980 ވަނަ އަހަރުން ފެށިގެން އުޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ގާސިމް މިރޭ ވެސް ތަކުކާރު ކުރެއްވި އެވެ.












