އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން, ސިއްހީ ސަބަބުތަކެއް ވެސް ހުރުމުން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ހައި ކޯޓުގައި އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީނުގެ މައްޗަށް، އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުގެ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
އިސްތިއުނާފު މައްސަލާގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި އޮތް ކަމަކީ، ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވާހަކަ ދެއްކުމެވެ. ޔާމީންގެ ވަކީލުން، އެ ހުށަހެޅުއްވުން ޝަރީއަތަށް އިއްވައި ވާހަކަ ދައްކަވާ ނިންމެވުމުން ޔާމީން ފުރުސަތަކަށް އެދިވަޑައިގަތެވެ.
އިސްތިއުނާފުކޮށްފައިވާ ފަރާތަށް ފަހުން ފުރުސަތެއް ދޭނެ ކަމަށް ޝަރީއަތުން އެންގުމުން ވެސް، ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ފުރުސަތެއް ދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.
ފުރުސަތު ދެއްވުމަށް ފަނޑިޔާރުން ނިންމެވުމުން، ޔާމީން ވިދާޅުވީ "އަޅުގަނޑަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި މީހެއް" ކަމަށެވެ. އެމަނިކުފާނުގެ އުނަގަނޑުގައި ރިއްސާތީ، ޑޮކްޓަރުން އިރުޝާދު ދީފައިވާ ގޮތަށް ކަސްރަތު ކުރުމަށް ވެސް ޖަލުން ފުރުސަތު ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ބަލި ނުވާތީއެއް ނޫން، އަވަސް އަވަހަށް ހޮސްޕިޓަލަށް ނުދަނީ ވެސް، އަޅުގަނޑު ރަނގަޅުވުމަށް މަސައްކަތްނުކޮށް ހޮސްޕިޓަލަށް ގޮސް އޮންނަންޏާ، އަޅުގަނޑަށް އިހުސާސްވޭ، އަޅުގަނޑުގެ އާއިލާއަށް މި ހިތާމަ ތަހައްމަލު ކުރަން ނޭދޭތީ،" ވަރަށް އަސަރާއެކު ޔާމީން ވިދާޅުވި އެވެ.
ޖިނާއީ މައްސަލަތަކުގައި ކަފާލާތު ދެވެން ނެތް ކަމަށް އަދި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެ ހަމައެއް ރާއްޖޭގެ ގާނޫނުތަކުގައި ބަޔާން ކޮށްފައި ނެތް ކަމަށް އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެ އެވެ. އެއީ ވެސް، މީގެ ކުރިން ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެއްގެ އިސްތިއުނާފެއްގަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ހުރި އެފަދަ ބައެއް ނުކުތާތަކަށް އިޝާރާތް ކުރެއްވުމަށް ފަހު ޔާމީން ވިދާޅުވީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަކީ ޝަރީއަތަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
"ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް އަޅުގަނޑު ގޭބަންދަށް ބަދަލުކޮށްދިނުމަކުން، އަޅުގަނޑު ހަމަ ވަރަށް އާދޭހާއެކު ދަންނަވަން، އަޅުގަނޑު ގޭބަންދަށް ބަދަލުކޮށްދިނުމަށް،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ނެތް ސިޔާސީ ވާހަކައެއް ދައްކަން ވެސް ނެތް، އަޅުގަނޑު މި ހުރީ އެ ފުރުސަތު ދޫކޮށްލައިގެން،" 40،000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެ އިއްތިހާދުން ފުރަތަމަ ކަނޑައެޅި ކެންޑިޑޭޓު ޔާމީން ވިދާޅުވި އެވެ.
ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިމިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.
އަދި ޔާމީން ޖަލުގައި ހުންނަވާތީ، ޕީޕީއެމް/ޕީއެންސީގެ މުހިންމު ނިންމުންތައް ނިންމުމުގައި އެމަނިކުފާނާ މުއާމަލާތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ އިދިކޮޅު ދެ ޕާޓީ ހިމެނޭ ޖޮއިންޓް ސެނެޓުގެ ތެރޭގައި އެ ކަންބޮޑުވުންތައް ވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރަށް ބެހެއްޓި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ ރިޔާސީ ކެމްޕެއިނަށް ތައްޔާރުވަމުންނެވެ. މުއިއްޒު ވެސް ވަނީ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އިރު ވެސް ސިޓީއެއް މެދުވެރިކޮށް ހުކުމް ތަންފީޒުކުރުމަށް އެދުނެވެ. ނަމަވެސް އެއީ އެ ކަމަކަށް އެދި ހުށަހަޅަން އޮންނަ އިޖުރާއަތުގެ ތެރެއިން، އޮންނަ ގޮތް ނޫން ކަމަށް ބުނެ ހައި ކޯޓުން އޭރު ޖަވާބު ދީފައި ވެ އެވެ.
ޔާމީންގެ ވަކީލުން މިއަދު ވިދާޅުވި ގޮތުގައި ސާފުނުވެ ދިޔަ ކަމަކީ ހައި ކޯޓުގައި ހިމެނޭ ޖިނާއީ އިޖުރާއަތުގެ ފޯމުތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ފޯމު ނުހިމެނޭތީ، މަދަނީ އިޖުރާއަތުގައި ހިމެނޭ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ފޯމުން އެ ކަން ކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ އެވެ.
މީގެ ކުރިން އިސްތިއުނާފު ޝަރީއަތުގެ ހަތަރު އަޑުއެހުމެއް ބޭއްވިއިރު ވެސް ވަކީލުންގެ ފަރާތުން އެކަން ފާހަގަނުކޮށް ދިޔުމުން ފަނޑިޔާރުން މިއަދު ސުވާލު ވެސް ކުރެއްވި އެވެ. ޔާމީނުގެ ވަކީލުން އޭގެ ޖަވާބުގައި ވިދާޅުވީ އޭރު ބޮޑަށް ބޭނުންވީ މައްސަލަ އަވަހަށް ނިންމުން ކަމަށެވެ. އެހެންވެގެން އިތުރު ހުށަހެޅުންތައް ކުރިއަށް ގެންދަން އޭރު ޕްރެޝަރު ކުރަން ބޭނުން ނުވީ ކަމަށް ވަކީލުން ވިދާޅުވި އެވެ.











