ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު، ވިލާ ގްރޫޕޫގެ ބާނީ ގާސިމް އިބްރާހިމާއި އޭނާގެ ވިލާ ފައުންޑޭޝަނުން ދަރިވަރުން ކިޔެވުމަށްޓަކައި ދޫކޮށްފައިވާ ހުރިހާ ލޯނެއް މައާފުކޮށް ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ހަރަދުގައި ކިޔަވައިދީފައިވާ ކުދިންގެ އަދަދު 8،000 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ސްކޯލަޝިޕާއި އެކި މިންވަރުގެ ލޯނުގައި ކިޔަވާފައިވާ ދަރިވަރުން ހިމެނެ އެވެ.
ގާސިމް އަދި ވިލާ ފައުންޑޭޝަންގެ ހަރަދުގައި ގިނަ ދަރިވަރުން ކިޔަވާފައިވަނީ ލޯނުގެ ކޮންމެ ވެސް ޕަސެންޓެއް ދިގު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ކަމަށާއި އޭގެ ތެރޭގައި ފުރަތަމަ ޑިގްރީ، މާސްޓާޒް އަދި ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ހުރިހާ ފަރާތްތަކަކަށް ކިޔަވައި ދިނުމަށް ހޭދަކޮށްފައިވާ ފައިސާ ގާތްގަނޑަކަށް ބިލިއަން ރުފިޔާއަށް އަރާ ކަން ލަފާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިލާ ފައުންޑޭޝަނުން، ނުވަތަ ގާސިމް އިބްރާހިމް ސްކޯލަޝިޕެއް ދީގެން ކިޔަވާފައިވާ ކޮންމެ ކުއްޖަކު ވެސް، އަދި މިހާރު ކިޔަވަމުންދާ ކުދިން ވެސް، އެ ކުދިންގެ ކޯސް ނިމެންދެން ދީފައިވާ ހުރިހާ އެއްޗެއް މައާފު. އެންމެ ކުއްޖަކު ބޮޑު ލާރިއެއް ވެސް ދައްކާނެ ކަމެއް ނެތް، އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް،" ގާސިމް މިހެން ވިދާޅުވުމާއެކު ސަޕޯޓަރުންގެ ތަރުހީބު އޮހިގެން ދިޔަ އެވެ.
ވިލާއިން ދޫކޮށްފައިވާ ސްޓޫޑެންޓު ލޯނު މައާފުކުރަން ނިންމެވީ އެ މަނިކުފާނުގެ ވެރިކަމެއްގައި މާސްޓާޒް ޑިގްރީއަށް ހިލޭ ކިޔަވައިދިނުމާއި، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓު ލޯނު މައާފުކުރަން މެނިފެސްޓޯގައި ހިމަނާފައިވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އެއްވެސް ދަރިއަކު ކިޔެވުމަށް ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއް ވެސް،" އޭނާ ވިދާޅުވި އެވެ.
ގާސިމުގެ ހަރަދުގައި ކިޔަވާފައިވާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ލޯނު، ކޮވިޑުގެ ތެރޭގައި ގާސިމް ވަނީ މައާފު ކުރައްވައިފަ އެވެ.
"ދަންނަވާލަން އަޅުގަނޑު މިއުޅެނީ، އެ ދުވަސްވަރު [ކޮވިޑުގެ ދުވަސްވަރު] އަޅުގަނޑު ވާނީ، ވިލާ ފައުންޑޭޝަނުން ވިލާ ސްކޮލަޝިޕުން ނުވަދަ ގާސިމް އިބްރާހީމްގެ އެހީގައި، ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި ކުދިންނަށް ލޯނު މައާފުކޮށްދީފަ. ޑޮކްޓަރުންނާއި ނަރުހުންނާއި މިހެންގޮސް ސިއްހީ ދާއިރާގެ ހުރިހާ ފީލްޑަކުން. މިރޭ އަޅުގަނޑު މައާފުކުރަން މި ނިންމީ، " كُلُّهُمۡ أَجۡمَعُونَ "، [ހުރިހާ ދާއިރާއަކުން ކިޔަވަން ލޯނު ނެގި ހުރިހާ ކުދިން] ގެ ލޯނުތައް،" ގާސިމް ވިދާޅުވި އެވެ.
އޭނާގެ ވެރިކަމުގައި މަސްވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މަހުގެ ވިޔަފާރި ކުރާ ފަރާތެއްގެ ހައިސިއްޔަތުން މައްސަލަ ހައްލު ކުރަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އެކަން ކުރާނެ ގޮތް. މަސް ކިލޯއެއްގެ އަގު ފަށާނީ 25ރ. އަށްވުރެ މަތިން،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އެ ވިޔަފާރިއެއް ވަނީ ހަލާކު ކަމަށާއި ފަތުރުވެރިކަން ވެސް ތަރައްގީވީ އަމިއްލަ މީހުންގެ މަސައްކަތުން ކަމަށެވެ.
"ދިވެހި ސަރުކާާރުން ކަމެއްގެ ތެރެއަށް، ވިޔަފާރިއެއްގެ ތެރެއަށް އަތް ބާނައިގެން ތަޅުވައިގަތް ކޮންމެ ކަމެއް އޮންނާނީ ހަލާކުވެފަ. ޓުއަރިޒަމް ޑިވެލޮޕްމަންޓް މިގޮތަށް ރާއްޖެއަށް އައިސްފައި މި ވަނީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ދީގެން،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ނެގުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.
"ރައްޔިތުންނަށް އެނގޭނީ ވޯޓު ލާނީ ކޮން ބޭފުޅަކަށްކަން. އަޅުގަނޑުގެ ކެންޑިޑޭޓް ނަމްބަަރަކީ ފަހެއް. ޕާޓީ ބޮޑު ވާހަކަ، ކުޑަ ވާހަކަ ދައްކާކަށް ނުޖެހޭނެ. މަގޭ ތިމާގެ މީހާތޯ، މަގޭ ރައްޓެހި މީހާތޯ ބަލާކަށް ނުޖެހޭނެ. މިއީ ގައުމީ ވާޖިބެއް، އެ ވާޖިބު އަދާކުރަންޖެހޭނީ ކެރިގެން."
ގާސިމްގެ އިތުރުން ސެޕްޓެމްބަރު 9، ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވެސް ވާދަ ކުރައްވަ އެވެ.











