ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައި, ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހެވެ.
އޭގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އިލެކްޝަންސްގެ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ޔާމީނުގެ ފަރާތުން ހުށަހަޅާ މައި ނުކުތާއަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.
މިއަދު އޮތް ހުކުމް ކުރުމުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ޔާމީނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށެވެ. އަދި, ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އިތުރަށް މާނަ ކުރަން ނުޖެހޭ ކަމަށެވެ.

ހަތް ފަނޑިޔާރުން ޔާމީނުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިއްތިފާގުވުމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅުއްވާފަ އެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔު
- ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތުގެ މާނައިގައި އޮޅުމެއް ނެތް. އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވުމަށް ލާޒިމު ވުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ނެތް.
- މައުސޫމު މީހެއް ކަމަށް ނުވަތަ ނޫން ކަމަށް ބަލާނީ، ނިހާއީ ހުކުމަކުން ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގޭ. އެހެން ނަމަވެސް އެ މައްސަލަތަކާ ހިނގަމުންދާ ޔާމީނުގެ ކެންޑިޑެސީ މައްސަލައާ ގުޅުވައިލެވެން ނެތް.
- ޖަލު ހުކުމެއްގައި ހުރެމެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން، ކުރިން ބެލި ގަޒިއްޔާތަކުގައި ބަލާފައެއް ނުވޭ. އެ ފުރުސަތު ނުކުމެދާނެ ގާނޫނީ އައިބުތަކަކާ ގުޅޭ ގޮތުން ވެސް އެއިން މައްސަލައެއްގައި ބަހުސް ކުރެވިފައެއް ނުވޭ.
- ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަކަކީ މުތުލަގަށް ލިބިދޭ ހައްގެއް ނޫން. ގާނޫނު އަސާސީން އެ ހައްގުތައް ހަނިކުރެވޭނެ. ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ މާއްދާއިން، އެ މާއްދާގެ ތަރަހައިގެ ތެރެއަށް އެ ހައްގު ހިފެހެއްޓެވޭ.
- ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް. ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ. އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް.
ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތުގައި "ނިހާއީ" ލަފުޒުގެ އިބާރާތް ނެތުމުންނާއި އެ ޝަރުތާ ގުޅުވާފައި އެއްވެސް ގާނޫނެއްގައި ނިހާއީ ހުކުމެއްގެ ވާހަކަ ގެނެސްފައިނުވެ އެވެ. އެހެންވެ އެއީ ނިހާއީ ހުކުމެއް ގޮތަށް މާނަ ނުކުރެވޭ ކަމަށެވެ.
ޔާމީންގެ މައްޗަށް ހިނގާ ޝަރީއަތްތައް
ޔާމީނުގެ ވެރިކަން ނިމުމާއެކު، އެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގަން ފެށި އެވެ.
އޭގެ އިތުރުން، 2019 ގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި އެވެ. އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާވުމެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގަ އެވެ. ހައި ކޯޓުން ވެސް އެ ހުކުމް ދެމެހެއްޓި އެވެ.
ސުޕްރީމް ކޯޓުގައި ހުކުމް އިސްތިއުނާފު ކުރުމުން ފެންމަތިވެގެން އައީ ކުރީ ދެ މަރުހަލާގައި ފާހަގަނުވި ކަމެކެވެ. އެއީ ޑިޕޮސިޓް ސްލިޕްގައިވާ ނަމްބަރާއި އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާނުވެ އެވެ. އެހެންވެ ޔާމީނަށް ލިބުނީ ދައުލަތުގެ ފައިސާ ކަން ކަށަވަރުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެވެ.
އެ ޗެކްގައި އޮތް ނަމްބަރަކީ، 0494502 އެވެ. މިއީ ޑިޕޮސިޓް ސްލިޕްގައިވެސް އޮތް ނަންބަރެވެ. އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ.
ޔާމީން މިނިވަންވެ ހުންނަވަނިކޮށް އެމަނިކުފާނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހަވާލުކުރީ އޮގަސްޓް 19، 2022 ގަ އެވެ. އޭރު ވެސް ޔާމީނުގެ މައްޗަށް އިތުރު ދެ މައްސަލައެއްގައި ދައުވާކޮށް ދަށު ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ އެވެ. ވ. އާރަށުގެ މައްސަލައާއި ރ. ފުއްގިރީގެ މައްސަލާގައި ޔާމީނަށް 2021 ގައި، ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ.
ފުރަތަމަ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ވ. އާރަށް މައްސަލަ ކޯޓަށް ހުށަހެޅި އެވެ. ވ. އާރަށުގެ މައްސަލަ ފެށި ފަހުން ފުއްގިރި މައްސަލައިގެ ޝަރީއަތް އެއްކޮށް މަޑުޖެހުނެވެ. އަދި 2022 ވަނަ އަހަރު އާރަށުގެ މައްސަލައިގެ ހުކުމް ދަށު ކޯޓުން އިއްވުމާއެކު ފުއްގިރި ޝަރީއަތް އަވަހަށް ބާއްވައި، ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ވެސް މި ފަހުން ބޭއްވި އެވެ.
ވ. އާރަށު މައްސަލާގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މައްސަލައާ ހަވާލުވި ބެންޗުގައި ތިއްބެވި ފަނޑިޔާރުން އެކި ވަގުތު ޗުއްޓީ ނަންގަވަމުން ގެންދެވުމުން އިސްތިއުނާފު ފަހުން އޮތީ މަޑުޖެހިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ބެކްއަޕް ޕްލޭން
ޔާމީނަށް ވާދަނުކުރެވޭ ހާލަތަކަށް ތައްޔާރުވުމަށް ޕީޕީއެމް/ޕީއެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރެން ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި އެވެ. ހަމަ އެ ދުވަހު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް ގުޅިވަޑައިގަތް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސެނެޓު މެދުވެރިކޮށް ނެގި ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވައިފަ އެވެ.
ނަމަވެސް އެ ކެންޑިޑޭޓަކީ ޕީޕީއެމްގެ އެންމެ ފަހު ޕްލޭން ކަމަށާއި، ޔާމީނަށް ވާދަނުކުރެވޭ ނަމަ ފުރަތަމަ މަސައްކަތް ކުރާނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަށް، ޕީޕީއެމުން އެންޑޯޒް ދިނުމަށް ވެސް މިހާތަނަށް ނިންމާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމަށް އިތުރު ވަގުތު ދިނުމަށް ވެސް، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ކެންޑިޑެސީ މައްސަލާގައި އެ ޕާޓީން އެދިފައިވެ އެވެ. ނަމަވެސް އެ ފުރުސަތު ވެސް ދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި އެވެ.












