ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ނުދައްކާތީ ވެސް ކެންޑިޑެސީ ބާތިލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ނުކުތާއަށް ޗެލެންޖު ކުރަން ޔާމީންގެ ވަކީލުން ޝަރީއަތުގައި އެދިވަޑައިގެންފި އެވެ.
މިއަދު ކުރިއަށްދާ ޝަރީއަތުގައި، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ހުކުމުގެ އިތުރުން ސާބިތު ދަރަންޏެއް އޮތް ގޮތުންނާއި ޖަލުތަކާއި ޕެރޯލް ގާނޫނުގައިވާ ގޮތުން ވެސް ޔާމީނުގެ ކެންޑިޑެސީ ބަލައިގެނެވެން ނެތް ކަމަށެވެ.
ސާބިތު ދަރަނި އޮތް ކަމަށް އީސީން ދެކެނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ޖޫރިމަނާ ނުދައްކާ އޮތުމަކީ ދަރަންޏަކަށް ވާނެތީ އެވެ. ކޯޓުން ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. ނަމަވެސް އެ މުއްދަތު ވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު ހަމަވާނެ އެވެ.
އޭގެ އިތުރުން ޖަލުތަކާއި ޕެރޯލް ގާނޫނާ ހަވާލާދީ، ވަކީލު މަހުފޫޒު ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ މަގާމެއް ނުފުރެވޭނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓު ކަމާ ވެސް ހަވާލު ނުވެވޭނެ އެވެ.
އެ ގާނޫނަށް އެ ގޮތަށް އިސްލާހު ގެނައީ ވެސް ޔާމީނުގެ ވެރިކަމުގައި އޭރު ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުންނެވެ.

އީސީން ޕީޕީއެމަށް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި ކަމުގެ ލިޔުން ފުރަތަމަ ފޮނުވިއިރު އެ ދެ ނުކުތާ ހިމެނިފައެއް ނުވެ އެވެ. ފުރަތަމަ ލިޔުން ފޮނުވިތާ އިރުކޮޅެއް ނުވެ ދެވަނަ ލިޔުމެއް ފޮނުވި އެވެ. އެ ލިޔުމުގައި އެ ދެ ނުކުތާ ހިމަނާފައިވެ އެވެ.
އޭރު އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ނެތުމުން އެ ނުކުތާތައް ހުށަނޭޅީ ކީއްވެގެންތޯ، ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ. އަދި, ސާބިތު ދަރަންޏެއް އޮތް ނަމަ، މިހާރު އޮތް މައްސަލަ ގެންދެވޭނެތޯ ވެސް ސުވާލު ކުރެއްވި އެވެ.
ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފު ކުރި އިރު ދަރަންޏެއް ނެތް ކަމަށް ދައުލަތުގެ މުއައްސަސާތަކުން ދިން ރެކޯޑުގައި އޮންނަ ގޮތުން ދަރަންޏެއް ނެތް ކަމަށް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލު ހަމްޒާ ލަތީފު ދެން ފާހަގަ ކުރެއްވި އެވެ. އަދި ހުކުމަކީ އިސްތިއުނާފު މަރުހަލާގައި އޮތް ހުކުމެއް ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން އީސީގެ ނުކުތާތައް ހުށަހަޅުއްވަން އެ ކޮމިޝަނަށް އަނެއްކާ ވެސް ފުރުސަތެއް ދިނެވެ. އެ ފުރުސަތުގައި ވަކީލު މަހުފޫޒު އަނެއްކާ ވެސް ވަނީ ހުކުމުން ދިން މުއްދަތު މިދިޔަ ޖޫން މަހު ހަމަވެގެން ދިޔަ ކަމާއި، ހުކުމުގެ އެ ބައި މަޑުޖައްސައިލުމުގެ އެއްވެސް އަމުރެއް ހައި ކޯޓުން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީނާއި އީސީން ނުކުތާތައް ހުށަހަޅާ ނިމުމުން، މައްސަލައަށް ތަދައްހުލުކޮށްފައިވާ އެޓާނީ ޖެނެރަލްގެ އޮފީހަށް ފުރުސަތެއް ދީފައި އަދި ތަދައްހުލުވެފައިވާ ޕީޕީއެމަށް ފުރުސަތެއް ދޭން ނިންމާފައިވަނިކޮށް ޔާމީނުގެ ވަކީލު ހަމްޒާ އެދިވަޑައިގަތީ އީސީގެ އަނެއް ދެ ނުކުތާއަށް ވެސް ޗެލެންޖު ކުރައްވަން ފުރުސަތެއް ދެއްވުމަށެވެ.
ވަކީލު ހަމްޒާ ވިދާޅުވީ ހުށަހަޅާފައިވާ ދައުވާ އިސްލާހުކޮށް އަލުން ހުށަހަޅާނަމަ ވަގުތު ކުޑަތަން ވެގެންދާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ޝަރީއަތުގެ ތެރެއިން އީސީގެ އެ ދެ ނުކުތާއަށް ޗެލެންޖު ކުރައްވައި ވާހަކަ ދައްކަވަން ފުރުސަތެއް ދެއްވުމަށެވެ.
އޭގެ ފަހުން ފަނޑިޔާރުން މަޝްވަރާކުރައްވަން ވަގުތުކޮޅަކަށް މެދުކަނޑާލެއްވި އެވެ. އެ ވަގުތަށް ފަހު އަލުން ޝަރީއަތް ފެށުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕީޕީއެމުން މައްސަލާގައި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު ހަމްޒާގެ ހުށަހެޅުއްވުމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މައްސަލަ އެކެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ. ޔާމީނުގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ އިތުރު ކެންޑިޑޭޓަކު ހުށަހަޅަން ޕީޕީއެމަށް އިތުރު ވަގުތު ދިނުމަށް އަމުރުކޮށްދޭން އެ ޕާޓީން އެދިފައިވެ އެވެ.
ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ބެކްއަޕު ކެންޑިޑޭޓެއް ޕީއެންސީން ނެރުމަށް އެ ޕާޓީގެ ސެނެޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ












