ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައި ހުކުމް އެންމެ މަތީ ކޯޓުން ދަމަހައްޓާ ހާލަތުގައި ނައިބު ރައީސަށް ގައުމުގެ ވެރިކަން ހަވާލުކުރެވޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުން، އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލުކުރަން ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާއަކީ، އެ މައްސަލަ އެންމެ މަތީ މަރުހަލާއިން ނިންމާފައިނުވާތީ ޔާމީނަށް ވާދަ ކުރެވޭނެ ކަމަށެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. މާނަކޮށްދިނުމަށް ވެސް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފު ހުށަހެޅުއްވި ނުކުތާއަކީ ގާނޫނު އަސާސީގެ އެ މާއްދާގައި ބަޔާން ކުރަނީ، އިސްތިއުނާފީ މަރުހަލާތައް ނިމިފައިވާ ނިހާއީ ހުކުމެއްގެ ވާހަކަ ކަމަށެވެ.

މިހާރު އޮތް ހާލަތުގައި ޔާމީނަށް ވާދަކުރަން ފުރުސަތުދީ، އެމަނިކުފާނު އިންތިހާބުވެގެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ނިހާއީ ވެއްޖެނަމަ އެ ވަގުތުން ފެށިގެން ރައީސަކަށް ވުމުގެ ޝަރުތު އެބަ ގެއްލެ އެވެ.
ގާނޫނު އަސާސީގައި އޭގެ ފަރުވާ ވެސް ދީފައިވާ ކަމަށް ވަކީލު ހަމްޒާ ވިދާޅުވި އެވެ. އެ ފަރުވާގެ ގޮތުގައި ހަމްޒާ ފާހަގަ ކުރެއްވީ ދައުރުގެ މެދު ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަން ގާނޫނު އަސާސީގައި ބުނެފައި އޮތުމެވެ.
ގާނޫނު އަސާސީގެ 69 ވަނަ މާއްދާއާ ހަވާލާދީ، ވަކީލު ވިދާޅުވީ ހައްގެއް ނުވަތަ މިނިވަން ކަމެއް ނިގުޅައިގަނެވޭ ފަދަ ގޮތަކަށް ގާނޫނު އަސާސީ މާނަކޮށްގެން ނުވާނެ ކަމަށެވެ. މި ހާލަތުގައި ހިމެނޭ އަސާސީ ހައްގަކީ އިސްތިއުނާފު އަދި އިންތިހާބީ ހައްގު ކަމަށެވެ.
ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެ އެވެ.
ގާނޫނު އަސާސީގެ މާއްދާގައި "އިސްތިއުނާފު" ގެ ލަފުޒު ނުވަތަ "ނިހާއީ" ލަފުޒު ނެތް ސަބަބަކާ ގުޅޭ ގޮތުން ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވުމުން ހަމްޒާ ވިދާޅުވީ ގާނޫނު އަސާސީ ޑްރާފް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ސީދާ ދައުރެއް ނެތް ކަމަށެވެ.
ގާނޫނީ ފަރުވާއަކީ ނައިބު ރައީސް ކަމަށް ވަކީލ ފާހަގަކުރެއްވިއިރު، ޔާމީންގެ ކެންޑިޑެސީ ފޯމުގައި ރަނިން މޭޓުގެ ގޮތުގައި ވަނީ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ ނަން ހުށަހަޅައިފަ އެވެ.
އިލެކްޝަންސްގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ހުކުމުގެ އިތުރުން ސާބިތު ދަރަންޏެއް އޮތް ގޮތުންނާއި ޖަލުތަކާއި ޕެރޯލް ގާނޫނުގައިވާ ގޮތުން ވެސް ޔާމީނުގެ ކެންޑިޑެސީ ބަލައިގެނެވެން ނެތް ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ހުކުމުގައި ހުންނަ މީހަކު ސިޔާސީ ޕާޓީއެއްގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
ސާބިތު ދަރަންޏަކީ، ޖިނާއީ މައްސަލައެއްގައި ހުކުމް ކުރާ ޖޫރިމަނާ ވެސް ނުދައްކާ އޮތުމުން އެ ފައިސާ ކަން މަހުފޫޒު ފާހަގަ ކުރެއްވި އެވެ. އީސީން އެންމެ ފުރަތަމަ ޕީޕީއެމަށް ރައްދުކުރި ލިޔުމުގައި އެ ދެ ސަބަބު ނެތް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމުން އެ ލިޔުމާ ހަވާލުނުވެ ބުނެފައިވަނީ އީސީން އިތުރަށް ލިޔެކިޔުންތަކެއް ހިއްސާކުރާނަމަ އެ ކަމެއް ކުރަން ޖެހޭނީ ސުޕްރީމް ކޯޓު މެދުވެރިކޮށް ކަމަށެވެ. ޝަރީއަތުގައި ހަމްޒާ އިތުރަށް ވިދާޅުވީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބެލެވޭނެ ހަމައެއް ވެސް ނެތް ކަމަށެވެ.
މަައްސަލައަށް ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބުގެ އޮފީސް ތަދައްހުލުކޮށްފަ އެވެ. އަދި ޕީޕީއެމްއިން މައްސަލައަށް ތަދައްހުލުވާން އެދުމުން އެ ފުރުސަތު ޕާޓީއަށް ވަނީ ދީފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ. އެހެންކަމުން ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ ސެނެޓުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ
މިއަދުގެ ޝަރީއަތުގައި ޕީޕީއެމުން ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީއަށް އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ.











