ދަ ޑިމޮކްރޭޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބު ގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް އިއްޔެ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްްވައި އެޕާޓީއާ ގުޅިވަޑައިގަތް ފާތިމަތު ނިއުމާ ހަމަޖައްސައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް ކެމްޕޭން ކުރުމަށް ތ. ގުރައިދޫއަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން "އަދަދު"ގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ނިއުމާ ކަނޑައަޅާފައި ވާކަމަށެވެ.
ޑިމޮކްރޭޓްސްއާ ނިއުމާ ގުޅިވަޑައިގަތީ އިއްޔެ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. ނިއުމާ ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ.
އިލްޔާސްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ.
އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ވެސް އަންނަނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. ޕީއެންސީގެ ކެންޑިޑެސީއަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޑރ. މުހައްމަދު މުއިއްޒު އަދި އާދަމް ޝަރީފް އުމަރެވެ.














