ދިވެހި ދައުލަތް އޮތީ ދަރާފައި ކަމަށާއި ލޯނު ދައްކާ ވަރަށް ފައިސާ ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، ކުރީގެ ނައިބު ޑރ. އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ މިހާރު ސަރުކާރުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު އެވަރަށް ޑޮލަރުން އާމްދަނީ ވެސް ނުލިބޭ ކަމަށެވެ.
"އެއް ބިލިއަން ޑޮލަރު 2026 ގައި ދައްކަން އެބަޖެހޭ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ކޮންމެ ބޭފުޅަކު ކަމުގައިވި ނަމަވެސް އެއް ބިލިއަން ޑޮލަރު އެބަ ދައްކަންޖެހެ 2026 ގައި. ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މި އުޅެނީ 900 މިލިއަނާ ގާތުގައި. ކިހިނެއް އެއް ބިލިއަން ޑޮލަރު ދައްކާނީ 900 މިލިއަން އާމްދަނީއަށް ލިބިގެން. އަދި ދައުލަތުން ކުރަންޖެހޭ އެހެން ހަރަދުތައް ވެސް ހުންނާނެ،" ޑރ. ޖިހާދު ވިދާޅުވި އެވެ.
ޑރ. ޖިހާދު ވިދާޅުވީ މިއީ މަތިބަރު ސަރުކާރެއް ކަމަށާއި ކުރާ ހަރަދާ އެއްވަރަށް ވެއެތުވެދިޔަ ފަސް އަހަރުގެ ތެރެއިން އެއްވެސް އަހަރަކު އާމްދަނީ ނުލިބޭ ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރުގެ ޖުމްލަ ބަޖެޓް ޑެފިސިޓް 60 މިލިއަނަށް އަރާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑު ބަޖެޓު ފޮތް ބެލިއިރު މިއަހަރުގެ އާމްދަނީ މި ލިބެނީ 30 ބިލިއަން. ބަޖެޓު ހަރަދު އެބައިން 42 ބިލިއަން. އެހެންވީމާ 12 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެއް މިއީ. ދެން ބެލީ މިދިޔަ އަހަރުގެ ހަރަދު. މިދިޔަ އަހަރުގެ ހަރަދު އެބައިން ހަމަ 4 ބިލިއަަން. ލިބުނީ ގާތްގަނޑަކަށް 38 ބިލިއަން. އެހެންވީމާ އެބަ އުޅޭ 14 ބިލިއަން ޑެފިސިޓް. ދެން މި ހުރިހާ އަހަރެއް ބެލިއިރު މި ފަސް އަހަރު ބަޖެޓް ޑެފިސިޓް އެބަ އަރާ 62 ބިލިއަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބަކަށް ހުންނެވި ޖިހާދު ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ރައްޔިތުން ތިބީ ހާސްކަންމަތީ ކަމަށާއި އެމީހުން ތިބީ ދަރަނިވެރިވެފައި ކަމަށެވެ.
"ރައްޔިތުން މި ތިބީ ހާސްކަންމަތީ، ދަރަނިވެރިކަން މަތީ. ވަކި ބައެއް ނޫން، ކުދި އަދި މެދުފަންތީގެ ވިޔަފާރިން ފެށިގެން ހުރިހާ އެންމެ މި ތިބީ ދަރަނިވެފަ،" އެމަނިކުފާނު ވިދާޅުވި އެވެ. "އިނގިރޭސި ބަހުން ބުނާ ނަމަ ކްރެޑިޓް ކްރަންޗެއްގެ ތެރޭގައި."
ޑރ. ޖިހާދު ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފައިނޭންސް މިނިސްޓަރުގެ މަގާމަށް ވަޑައިގެންފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޖިހާދު ފައިނޭންސް މިނިސްޓަރަކަށް ހުންނެވި އެވެ. އޭގެ އިތުރުން، ގަވަރުނަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމްގެ އިތުރުން ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.












