ރައީސް އަބްދުالله ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ ރަނިން މޭޓު ކަމަށް މިއަދު ހަމަޖެއްސެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރަނިންމޭޓު ކަމަށް ޖަމީލު ހަމަޖެއްސުމާއެކު, އޭނާ ޓްވިޓާގައި ވިދާޅުވީ, ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ރައީސް ޔަމީނަށް ކާމިޔަބުކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން." ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޖަމީލު ވިދާޅުވި އެވެ.
ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީނާއި ޖަމީލުގެ ޓީމުން ކާމިޔާބު ކުރެއްވުމަށް ފަހު، ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި އޭނާ އެއް އަހަރާއި އަށް މަސް ދުވަސް ވަން ދެން ހުންނެވި އެވެ. އެއަށް ފަހު ޖުލައި 21، 2015 ގައި ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 78 މެމްބަރުންގެ ވޯޓާ އެކު އެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަތުގަ އެވެ.
ޖަމީލުގެ މައްޗަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން އޭރު ކުރަމުންދިޔަ ތުހުމަތަކީ އޭނާގެ އިހުލާސްތެރި ކަމެއް ނެތް ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެހެންވީމާ، އޭރުގެ ނައިބު ރައީސް، ރައީސްކަން ބޭނުންފުޅުތޯ، ނޫންތޯ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު އަރުވާކަށް ބޭނުމެއްނެތް. އަޅުގަނޑަށް އެނގޭ ކަމަކީ، ސަރުކާރަށް އެންމެ ބޮޑަށް ދަތިވެގެން ދިޔައިރު، އޭރުގެ ނައިބު ރައީސްގެ ފަރާތްޕުޅުން ސަރުކާރަކަށް އެއްބާރުލުމެއް، ރައީސަކަށް އެއްބާރުލުމެއް ނުލިބޭކަން،" ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރުމަށް ފަހު އޮކްޓޯބަރު 2015 ގައި ޔާމީން ވިދާޅުވެފައިވެ އެވެ.
އޭނާ މަގާމުން ދުރުކުރުމަށް ކުރި މަސައްކަތްތައް ޖަމީލް ސިފަކުރެއްވީ "ގާނޫނި ބަޢާވާތެއް" ގެ ގޮތުގަ އެވެ. އަދި, އެއީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު ނައިބު ރައީސްކަމަށް ވަޑައިގަތުމަށް "ޒާތީ ގޮތުން" ކުރެއްވި ކަމެއް ކަމަށް ވެސް ޖަމީލު ތުހުމަތު ކުރެއްވި އެވެ.












