"މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ސިޔާސީ ހަޔާތް، މިހާ ހިސާބަށް އައިއިރުގައި، އަޅުގަނޑަށް ފެނުނު އެންމެ ދީލަތި، އެންމެ އަޑުއަހާ، އެންމެ މީހުންނަށް ކަމޭހިތާ އެއްބޭފުޅަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. އެހެންވީމާ، ވަރަށް އިހުސާންތެރި ޝުކުރެއް އަޅުގަނޑު އެމަނިކުފާނަށް އަދާކުރަން."
މިއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، އޭރުގެ ނާއިބު ރައީސް ޑރ.ޖަމީލު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ގުޅޭގޮތުން ވިދާޅުވި ވާހަކަފުޅެވެ. މިއީ ޖަމީލު އޭރު ވިސްނެވި ގޮތެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި މަންޒަރު ކިތަންމެ ގޮތަކަށް ފުރޮޅިއްޖެ އެވެ.
ޖަލުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު އުފެދިފައިވާ ސުވާލުތަކުގެ ތެރެއިން މިހާރު ވަނީ ރަނިން މޭޓުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވާފަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނަވައިގެން ޔާމީން ނިންމެވީ ވަރަށްވެސް ބޮޑު، އަދި ސުވާލު އުފެދޭ ފަދަ ނިންމެވުމެކެވެ.
މިފަހަރުވެސް ރަނިން މޭޓަކަށް ކަނޑައެޅުއްވީ އެމަނިކުފާނުގެ އިސް ވަކީލު އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ޔާމީނާއި ޖަމީލަކީ ދިވެހި ސިޔާސީ މަސްރަހުގައި އެކުގައި އަދި ދެކޮޅަށްވެސް މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
ދެ ބޭފުޅުން މީގެ ދަހަރެއް ކުރިން ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، ޖަމީލަށް ނައިބު ރައީސްގެ މަގާމުގައި ހުންނެވުނީ 617 ދުވަހު އެވެ. އިތުބާރުގެ މައްސަލަތަކެއް ޖެހި ޖުލައި 21، 2015 ގައި ޖަމީލު ނައިބު ރައީސްކަމުން ދުރުކުރީ ޕީޕީއެމްގެ މެޖޯރިޓީ އޮތް އޭރުގެ މަޖިލީހުގެ 78 މެންބަރުންގެ ވޯޓާ އެކު އެވެ. ޖަމީލު އޭރު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ހައްޔަރުކުރާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެއަށްފަހު އެ ދެ ބޭފުޅުންވެސް ވަނީ އެކި ޕޯޑިއަމްތަކުގައި، އެކި ވީޑިއޯ މެސެޖުތަކުގައި ބަހުގެ ހަމަލާތައް ރައްދުކުރައްވާފަ އެވެ. ޖަމީލު ވެވަޑައިގަތީ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން އުފެއްދި ގުޅިފައިވާ ސިޔާސި ޕާޓީތަކުގެ އިއްތިހާދުގެ ލީޑަރަށެވެ. ޔާމީންގެ ވެރިކަން ނިމެންދެން ހުންނެވީ އިނގިރޭސިވިލާތަށް އަރުވާލެވިގެންނެވެ.
މި ގެނެސްދެނީ ޔާމީނާއި ޖަމީލު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރައްވާފައިވާ އެކި ބަހުގެ ހަމަލާތަކެވެ.
އޮކްޓޯބަރު 25، 2015، ރައީސް އޮފީސް - އަބްދުﷲ ޔާމީން
މިއީ ޔާމީނުގެ ވެރިކަމުގައި ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމަށްފަހު ގައުމާ މުހާތަބުކޮށް ދެއްވި ހިތާބުގައި ދެއްކެވި ވާހަކަފުޅެވެ.
"ދެ ނައިބު ރައީސުން ވެސް ރައީސަށް އަދި ސަރުކާރަށް އެންމެ ބޮޑަށް ނައިބު ރައީސުންގެ ބޭނުންވީ ވަގުތު، އެ ބޭފުޅުންގެ ހަރަކާތްތެރިކަމެއް ފެނިފައެއް ނެތް.. އޭރުގެ ނައިބު ރައީސް ޑޮކްޓަރ ޖަމީލު އެ ކުރެއްވި މަސައްކަތުގެ ތެރޭގައި، ޑޮކްޓަރ ޖަމީލު ކުރައްވާފައި ހުރި ކަންތައްތަކުގައި، ޑޮކްޓަރ ޖަމީލު މަގާމުން ވަކިކޮށްފައި އޮތީކީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްފައެއް ނޫން. އަދި މިހާރުވެސް މި ނައިބު ރައީސާ ދޭތެރޭގައި، މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބާ ދޭތެރޭގައި މި އެޅުނު ފިޔަވަޅަކީވެސް ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށްފައި އެޅި ފިޔަވަޅެއް ނޫން. ދައުލަތުން ކުރާ މަސައްކަތް، އެއަށްވުރެ މާ ހަރުދަނާކޮށް ކުރާނީ. އަދި އަމުދުން އަޅުގަނޑު ބަލަހައްޓާ ކަމެއް ކަމަށްވަންޏާ، އެއަށްވުރެ ހަރުދަނާކޮށް އަޅުގަނޑު ކުރާނަން."
"އެހެންވީމާ، ހަމަބުއްދިއަކުން ވިސްނާ މީހަކު ގަބޫލުކުރާ ގަބޫލުކުރުންތަކަށް ޖާގަ، އޭރުވެސް ލިބިފައެއްނުވޭ. އެހެންވީމާ، އޭރުގެ ނައިބު ރައީސް، ރައީސްކަން ބޭނުންފުޅުތޯ، ނޫންތޯ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު އަރުވާކަށް ބޭނުމެއްނެތް. އަޅުގަނޑަށް އެނގޭ ކަމަކީ، ސަރުކާރަށް އެންމެ ބޮޑަށް ދަތިވެގެން ދިޔައިރު، އޭރުގެ ނައިބު ރައީސްގެ ފަރާތްޕުޅުން ސަރުކާރަކަށް އެއްބާރުލުމެއް، ރައީސަކަށް އެއްބާރުލުމެއް ނުލިބޭކަން." ޖަމީލަށް އަމާޒުކޮށް ޔާމީން އެ ދުވަހު ވިދާޅުވި އެވެ.
ފެބްރުއަރީ 5، 2016، އިނގިރޭސިވިލާތް - ޑރ. މުހައްމަދު ޖަމީލު އަހުމަދު
މިއީ މަގާމުން ދުރުކުރެއްވުމަށްފަހު އިނގިރޭސިވިލާތުގައި ހުންނަވާ ޔާމީނުގެ ސަރުކާރާ ދެކޮޅަށް ޖަމީލު ދެއްވި މެސެޖެކެވެ. ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"ރާއްޖޭގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ދިވެހިން ތަޖުރިބާ މި ކުރަނީ އަލުން އަނބުރާ ހުދުމުހުތާރު ވިރާސީ ޝާހީ ވެރިކަމެއްގައި ހިމެނޭ ސިފަތަކެއް. މިއަދު ރައްޔިތުންނާ ހަމައަށް ދަތުރުކޮށް، އަތްޖޯޑުކޮށް، ބުރަކަށީގައި ފިރުމާލާ އެކީގާ އިށީނދެ ތިބެ ރައްޔިތުންގެ އިހުސާސްތަކުގެ އަޑުއެހި އެންމެން މިވަނީ ރައީސް ޔާމީނުގެ ބާރުގައި ރައްޔިތުންނާ ދުރުކޮށްފަ."
"މިއަދު [ޔާމީނުގެ] ކައިރީގައި ތިބީ ޕީޕީއެމްގެ ވެރިކަން ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާ، ރައްޔިތުންގެ އިހުސާސްތަކުގެ އަޑު ކަންފަތުން އަހާ ލޮލުން ދެކުނު ބައެއްވެސް ނޫން"
"ކޮންމެ ވެރިކަމެއްވެސް ބަދަލުވުމާއެކު ފަޔަށް ހިނިއަރައިގެން އުޅޭ ބީދައިން، ރިޔާސީ ގަނޑުވަރުތައް ކައިރީގައި އާއި ވެރިކަމުގެ ކޮއިލުގެ ތެރެއަށް ވަދެގަންނަން އުޅޭ ވިޔަފާރިވެރިން އުޅޭއިރު، މި ސަރުކާރު އައުމާއެކު ރިޔާސީ ގަނޑުވަރު ކައިރީގަ އަދި ރައީސްގެ އަނބިކަނބަލުންގެ ވަށައިގެން ތޮވާފު ކުރާ ބައެއް ވިޔަފާރިވެރިންނާ އެމީހުންގެ ފަރާތުން ލިބޭ ފައިސާގެ ލައްޒަތުގައި ޖެހި ދައުލަތާ މުޅި ސަރުކާރުގެ މާލިއްޔަތު އަމިއްލަ މަންފާއަށް ބޭނުންކޮށް، ދައުލަތް ހިންގެން އޮތް ހަމައެކަނި މަގަކީ ދިވެހިންގެ އަތުގައި އޮތް ފަޅު ރަށްތަކާއި ގިރިތައް ނުއަގުގައި ޒާތީ މަންފާއަށް ހެދުމުގެ އިތުރުން ދިވެހިންގެ އަތުގައި އޮތް މަދު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ބިން ބޭރުގެ ފަރާތްތަކަށް ވިއްކަން ނިންމާ، ވަކި ޝާހީ އާއިލާތަކަކަށް ރާއްޖޭގެ އަތޮޅުތަކާއި ސަރަހައްދުތައް ވިއްކުން ކަމުގައިވާނަމަ، އަދި، އެކަމުގެ ބަދަލެއްގެ ގޮތުގައި ތިމާގެ [ޔާމީން] އަމިއްލަ ޖީބަށް އެޅުނު މިލިޔަން ޑޮލަރަށް ވުމުން އެކަމަށް އަޅުގަނޑުމެން ދެކޮޅުހަދަން"
ޖަމީލު، އެދުވަހު ޔާމީން ސިފަކުރެއްވީ އަނިޔާވެރި ހިޔާނާތްތެރިއެއްގެ ގޮތުގަ އެވެ.
ޖުލައި 21، 2016، އިނގިރޭސިވިލާތް - ޑރ. މުހައްމަދު ޖަމީލު އަހުމަދު
މިއީ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރިތާ އަހަރެއް ފަހުން ޖަމީލު ދެއްވި ވީޑިއޯ މެސެޖެކެވެ. އޭރު ހުންނެވީ ޔާމީނުގެ ވެރިކަމާ ދެކޮޅަށް އުފެއްދި އިއްތިހާދުގެ ލީޑަރުގެ ގޮތުގަ އެވެ.
"ރައީސް ޔާމީނުގެ ވެރިކަން މިހާރު މިވަނީ ނިމިފަ، ރައީސް ޔާމީނަށް މިހާރު މީހުން ތާއީދުކުރާނެ އެއްވެސް ސަބަބެއް ނެތް. މިއަދު މި ހިންގަނީ އިގްތިސޯދީ ޕޮލިސީއެއް އޮވެގެން ހިންގާ ވެރިކަމެއް ނޫން."
"ރައީސް ޔާމީނު ރާއްޖެއަށް ބާރު މިނެއްގައި ގެނެސްދީފައިވަނީ ފަސާދަ އާއި ކޮރަޕްޝަން، ވައްކަމާއި އަނިޔާވެރިކަން، ތާރީހު ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް. ލޮބުވެތި ރައްޔިތުން، މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެއްޖެ. އަނިޔާވެރިކަން ނުފޯރާނެ ކަމަށް ހީކުރި ފަރާތްތަކަށްވެސް މިއަދު ހަގީގަތް ގަބޫލުކުރެވިއްޖެ. ވެރިކަމުގެ ފުރަތަމަ ހާފު ނިމިގެން މި ދިޔައީ ގައުމު ނުދެކޭ ފަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގައިގެން. އެއީ އިކޮނޮމިކް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް، ރައީސް ޔާމީނަކީ އިކޮނޮމިކް ކައުންސިލްގެ ރައީސް، ރައީސް ޔާމީނު މިކަމުގެ ޒިންމާ ސީދާ އުފުއްލަވަން ޖެހޭނެ"
"[ޔާމީން] އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިވެވަޑައެއް ނުގަނެވުނު، ގައުމުގެ ރައްޔިތުން އެމަނިކުފާނާއި އަޅުގަނޑަށް ވޯޓުލީ ދުސްތޫރީ ހުރިހާ ހަމަތައް މިހާރު ވަނީ ދޫކޮށްލާފައި، ދެން ފަހަރަކު ބޭފުޅަކު ޖަލަށް ލެއްވި، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ނަޝީދު، ޝެއިހް އިމްރާން، ކާނަލް ނާޒިމް، އަދި އެންމެ ފަހުން އަމިއްލަ ބޭބޭފުޅު ރައީސް މައުމޫނަށް ވެސް އިހުލާސްތެރި ނުވި، ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެއްވެސް މީހަކަށް އިހުލާސްތެރި ނުވެވުނު މީހަކަށް ތިޔަ ރައްޔިތުންނަށް އިހުލާސްތެރިއެއް ނުވެވޭނޭ"
މިއީ އެ ދުވަހުގެ ވާހަކަފުޅެވެ. ޔާމީނުގެ ވެރިކަން ނިމި އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމާއެކު ޖުލައިން 26، 2019 ގައި ޖަމީލް ވަނީ ޔާމީނުގެ އިސް ވަކީލަށް ވެވަޑައިގެންފަ އެވެ. ފުރަތަމަ ޖަލު ހުކުމުން ޔާމީނު ސަލާމަތްވެސް ކުރެއްވި އެވެ.
ރަނިން މޭޓުގެ ޓިކެޓާއެކު ވިދާޅުވީ، "އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން." މިހެންނެވެ.











