ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ އިސް ވަކީލު އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވަން ނިންމަވައިފި އެވެ.
މި ވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ރަނިން މޭޓަކަށް ޖަމީލު ހަމަޖައްސަވަން ނިންމަވާފައިވާ ކަން އެމަނިކުފާނުގެ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީނާއި ޖަމީލުގެ ޓީމުން ކާމިޔާބު ކުރެއްވުމަށް ފަހު، ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި އޭނާ އެއް އަހަރާއި އަށް މަސް ދުވަސް ވަން ދެން ހުންނެވި އެވެ. އެއަށް ފަހު ޖުލައި 21، 2015 ގައި ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 78 މެމްބަރުންގެ ވޯޓާ އެކު އެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަތުގަ އެވެ.
ޖަމީލުގެ މައްޗަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން އޭރު ކުރަމުންދިޔަ ތުހުމަތަކީ އޭނާގެ އިހުލާސްތެރި ކަމެއް ނެތް ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެހެންވީމާ، އޭރުގެ ނައިބު ރައީސް، ރައީސްކަން ބޭނުންފުޅުތޯ، ނޫންތޯ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު އަރުވާކަށް ބޭނުމެއްނެތް. އަޅުގަނޑަށް އެނގޭ ކަމަކީ، ސަރުކާރަށް އެންމެ ބޮޑަށް ދަތިވެގެން ދިޔައިރު، އޭރުގެ ނައިބު ރައީސްގެ ފަރާތްޕުޅުން ސަރުކާރަކަށް އެއްބާރުލުމެއް، ރައީސަކަށް އެއްބާރުލުމެއް ނުލިބޭކަން،" ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރުމަށް ފަހު އޮކްޓޯބަރު 2015 ގައި ޔާމީން ވިދާޅުވެފައިވެ އެވެ.

އޭނާ މަގާމުން ދުރުކުރުމަށް ކުރި މަސައްކަތްތައް ޖަމީލް ސިފަކުރެއްވީ "ގާނޫނި ބަޢާވާތެއް" ގެ ގޮތުގަ އެވެ. އަދި, އެއީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު ނައިބު ރައީސްކަމަށް ވަޑައިގަތުމަށް "ޒާތީ ގޮތުން" ކުރެއްވި ކަމެއް ކަމަށް ވެސް ޖަމީލު ތުހުމަތު ކުރެއްވި އެވެ.
ޖަމީލު ވަކިކުރުމަށް ފަހު ޔާމީންގެ ނައިބު ރައީސަކަށް ހަމަޖެއްސެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދީބު މަގާމުގައި ހުންނެވީ ތިން މަހާއި 14 ދުވަހުގަ އެވެ. ޔާމީން އަވަހާރަކޮށްލަން، އެމަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް މަގާމުން ވަކިކުރި އެވެ.
ޔާމީންގެ ނައިބު ރައީސަކަށް އޭގެ ފަހުން ހުންނެވީ އަބްދުﷲ ޖިހާދެވެ. ނައިބު ރައީސަކަށް ވުމުގެ ކުރިން ޖިހާދަކީ އެމަނިކުފާނުގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނަވައި އޭރު ޖަމީލު މަސައްކަތް ކުރެއްވީ ޔާމީންގެ ވެރިކަން ނިންމުމަށް އިދިކޮޅު ފަރާތްތަކާ އެކުގަ އެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ އިއްތިހާދު އުފެއްދުމުގެ އެއް ބާނީއަކީ ވެސް ޖަމީލެވެ.
ޔާމީންގެ ވެރިކަން ނިމުނު ފަހުން، ޖަމީލު ވަނީ މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ބައިވެރިވާ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ވާދަކުރައްވައިފަ އެވެ. ވިލިމާލެ ދާއިރާގެ އިންތިހާބުގައި ޖަމީލަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. އެއީ އެންމެ 300 އެއްހާ ވޯޓު ލިބިވަޑައިގެންނެވެ.
ޖަމީލު އަނެއްކާ ވެސް ޕީޕީއެމާ އެކު މަސައްކަތް ކުރައްވަން ފެއްޓެވީ މަޖިލިސް އިންތިހާބުގައި އޭނައަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އެވެ. ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ޖަމީލް ހަރަކާތްތެރިވާން ފެށީ ޖުލައި 2019, އިން ފެށިގެންނެވެ.
މާޒީއާ ގުޅޭ ގޮތުން ޖަމީލާ ސުވާލު ކުރެއްވުމުން އޭނާ ތަކުރާރުކޮށް ވެސް ވިދާޅުވެފައިވާ ވާހަކައަކީ މާޒީން ފިލާވަޅު ލިބި ޕީޕީއެމްގެ ލީޑާޝިޕްގައި އުޅުއްވާ ބޭފުޅުންނަށް، ޕާޓީއަށް އިހުލާސްތެރި ބޭފުޅުން ސާފުވެފައިވާ ކަމަށެވެ.
"ޕީޕީއެމަށް ވެސް ބޮޑު އެއް ފިލާވަޅެއް ލިބެންޏާ، އެ ފިލާވަޅު އެ ވަނީ ލިބިފައި، އެއީ ޕީޕީއެމަށް ހެޔޮ ނޭދޭ ބަޔަކަށް ބަރޯސާވެގެން ކަން ރައީސް ޔާމީން މިއަދު ތަކުލީފުތަކެއް ތަހައްމަލް ކުރަން މި ޖެހެނީ، [އެމްއެމްޕީއާރުސީ ހިޔާނާތުގައި އިސްކޮށް ހުންނެވި] އަދީބު ޖެހި ސަކަރާތުންކަން،" ޖަމީލު ވިދާޅުވި އެވެ.
ޑރ. ޖަމީލަކީ ކޮން ބޭފުޅެއް؟
ޖިނާއީ އަދުލުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޖަމީލަކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓާނީ ކަމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާއި، ޖަސްޓިސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ރާއްޖޭގެ ތައުލީމީ އެކި މުއައްސަސާތަކުގައި ގާނޫނީ ދާއިރާގެ ތަގުރީރުތައް ވެސް ދެއްވާ ޖަމީލުގެ ސިޔާސީ ހަޔާތް ފެށުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 14، 2005 ގައި ޖަސްޓިސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެވުނު ހިސާބުންނެވެ.
ދެހާސްއަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އޭރުގެ ސަރުކާރާ ދެކޮޅަށް އުފެއްދި އިއްތިހާދުގައި ޖަމީލު ބައިވެރިވެވަޑައިގަތެވެ. ރިޔާސީ އިންތިހާބު، ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމަށް ފަހު ޖަމީލަށް ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމު ވެސް އެރުއްވި އެވެ.
ނަމަވެސް ދައުރުގެ މެދު ތެރެއިން އެ މަގާމުން ދުރުވުމަށް ފަހު ޖަމީލު ދެން މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާ އެކުގަ އެވެ. އޭރު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުންނެވި ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީގައި މަސައްކަތް ކުރެއްވުމަށް ފަހު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ޔާމީންގެ ރަނިން މޭޓަކަށް ވުމަށް ގައުމީ ޕާޓީން ވަކިވެ ޕީޕީއެމާ ގުޅިވަޑައިގަތެވެ.











