ރެއިން ފެށިގެން ވެރި ރަށް މާލޭގައި ހޮޑުލެވޭ ބައްޔެއް ފެތުރެމުންދާތީ މިނިވަން އުފާގެ ނަމުގައި މިރޭ ހުޅުވަން އޮތް ކާނިވާ ހުޅުވުން އެހެން ތާރީހަކަށް ފަސްކޮށްފި އެވެ.
އެ ހަރަކާތް އިންތިޒާމު ކުރާ ހޯމް މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތީން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސްކޮށްފައިވާ ކަމަށެވެ.
ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އެ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށް ހަމަޖެހިފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހޮޑުލެވޭ އަދި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދަނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އެޗްޕީއޭއިން ނުދެ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑަައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރެއިން ފެށިގެން މިއަދު މެންދުރު 3:00 އާ ހަމައަށް ހޮޑުލެވޭތީ އައި 210 މީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.
ހޮޑުލެވޭތީ ސަރުކާރުން ހިންގާ އައިޖީއެމްއެޗްއިން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލު ފޯނު ނުނަގާތީ އެތަނުން ފަރުވާ ހޯދި މީހުންގެ އަދަދެއް ނޭނގުނެވެ.
ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް ސިފަ ކުރައްވަމުން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކުޑަކުދިންނާ ބެހޭ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިޔާގައި ލިޔުއްވާފައި ވަނީ "މުޅި މާލެ [އޮތީ] ހޮޑުލުމުގައި" ކަމަށެވެ.
ބަލި މީހުން ކުއްލިއަކަށް ގިނަވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވަނީ އާންމު ސާފުތާހިރުކަމުގައި ސަމާލުވާން އެދިވަޑައިގަނެފަ އެވެ.
"ހޮޑުލެވޭތީ އަދި މީހުން ބޭރަށް ހިންގާތީ އީއާރްއަށް ދައްކާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެއްޖެ. ބޯ ފެނަކީ ސާފު ފެންކަން ޔަގީން ކުރައްވާ. ފެން ކައްކައި، ހިހޫކޮށްގެން ބުއިން އަދި ފިލްޓަރުކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ގޮތެއް،" ނިޔާފް ވިދާޅުވި އެވެ. "ގިނައިން އަތް ދޮވުމާއި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވުން ވެސް މުހިންމު."












