ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ މެނިފެސްޓޯ އާއި މައިގަނޑު ސިޔާސަތުތައް އަންގާރަ ދުވަހު އިފްތިތާހު ކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބު ރޭ ވިދާޅުވެއްޖެ އެވެ.
އިލްޔާސް ލަބީބް, އަދަދުގެ 'އެތެރެފުށް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ, އަންނަ އަންގާރަ ދުވަހުގެ ރޭ 52 ރަށުގައި އެ ޕާޓީގެ އާ ސިޔާސަތުތައް އިއުލާނު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު މިއަދު ޕާޓީ އޮފީހުން އާންމު ކުރާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އާ ސިޔާސަތުގެ ވާހަކަދައްކަވަމުން އިލްޔާސް ވަނީ މިދިޔަ އަންގާރަ ދުވަހު އެ ޕާޓީން ނެރުނު ސިޔާސަތު ތަފުސީލުކޮށްދެއްވައިފަ އެވެ.
އިލްޔާސް ވިދާޅުވީ, ވިޔަފާރިއެއް ކުރަން ބޭނުންވާ މީހަކަށް ވިޔަފާރިއެއް ކުރުމުގެ އެންމެ ބޮޑު ދައްޗަކީ އެމީހުންނަށް ރަހުނު ކުރަން ބޭނުންވާ އެއްޗެއް ނެތުން ކަމަށެވެ. އެހެންކަމުން, ރަހުނަކާ ނުލާ ލޯނު ދިނުމަކީ ވިޔަފާރި ކުރަން ފަސޭހަވާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ވިޔަފާރިއެއް ކުރަން ބޭނުންވާ މީހަކަށް ވިޔަފާރިއެއް ކުރުމުގެ އެންމެ ބޮޑު ދައްޗަކީ އެމީހުންނަށް ރަހުނު ކުރަން ކޮންމެވެސް އެއްޗެއް ބެނުންވޭ. ނޫނީ އިކުއިޓީއެއް އެއަށްލާން ޖެހޭ. ކޮލެޓްރަލްއެއް އޮންނަންޖެހޭ. އެހެންވެ މިއަކާ ހެދި މީހުން ބޭނުންވާ ވިޔަފާރިއެއް ކުރިއަށް ނުދޭ،" ފަސޭހަ ވިޔަފާރި ސިޔާސާތާ ބެހޭގޮތުން އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ފަސޭހަ ވިޔަފާރި ލޯނަށް ފިޓުވާނީ މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.
ފަސޭހަ ވިޔަފާރި ސިޔާސަތަކީ, ޑިމޮކްރެޓުން ނެރުނު ފުރަތަމަ ސިޔާސަތެވެ.
ޑިމޮކްރެޓްސްގެ ސިޔާސަތުގެ ކަރުދާހުގައިބުނެފައިވާ ގޮތުގައި، އެފަދަ ބައެއް ވިޔަފާރިތައް ފަށަން ބޭނުންވާ މެޝިނަރީ އާއި އިކުއިޕްޓްމަންޓްތައް ފާހަގަކޮށް އެފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ވެސް ކަނޑާލައިދޭނެ އެވެ.
ޕޭޕަލް އަދި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖޭގެ ތައާރަފުކުރުމަށް މާލީ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސް އެ ކަން ކޮށްދޭނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ ސިޔާސަތު ކަރުދާހުގައި ހިމަނާފައިވެ އެވެ.
އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރުން ހުއްޓާލާނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ އެ ވައުދުނާމާގައިވެ އެވެ.












