ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަޙަޅާފައިވާ މައްސަލަ ރަޖިސްޓްރާ ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް އަނެއްކާވެސް އާ މައްސަލައެއް ވައްދައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ނުކުރުމަށް ރަޖިސްޓާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމައިފަ އެވެ. މިހާރު މުޅިން އާ މައްސަލައެއް ލިބިފައިވާ ކަން ސުޕްރީމް ކޯޓުން ވެސް ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދީފަ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި، އެ މައްސަލާގައި އެދިފައިވަނީ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޔާމީންގެ ވަކީލުންގެ ބަހެއް މި ކަމުގައި ނުލިބެ އެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.
"އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން," ފުރަތަމަ މައްސަލަ ހުށަހެޅުއްވުމަށް ފަހު ވަކީލު އާދަމް ޝަމީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.
އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މިދިޔަ މަހުގެ ތެރޭގައި ފެށި ނަމަވެސް، އީދު ބަންދަށް ފަހު ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. ފުރަތަމަ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގަ އެވެ.
ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި އެވެ.
އޭގެ އިތުރަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިވެގެން އެ ރަށް ކުއްޔަށް ދިން ކުންފުނިން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގައި، ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތުކޮށް ވެސް ދައުވާކޮށްފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ގެންދެ އެވެ. ކްރިކް ރިޒާގެ ބައި ގެންގޮސް، މިހާރު ކުރިއަށް ދަނީ ޔާމީނާއި ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ބައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކައިރިކައިރީގައި ބާއްވަމުން އެބަ ގެންދެ އެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ފޯމު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ.
ޕީޕީއެމް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގައި މަޝްވަރާ އެތެރޭގައި ކުރެވެމުން ދާއިރު، އެ ކަމުގައި ހިޔާލު ތަފާތުވުންތަކެއް ވެސް އެބަ އުޅެ އެވެ. އެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން އަންނަނީ ދެކޮޅު ހަދަމުންނެވެ.













