އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މިއަދު ހަވީރު ބޭއްވި ސުލްހަވެރި ސައިކަލުބުރު މުޒާހަރާއަކަށް ބަދަލުކޮށް، މަޖީދީމަގުގައި އިށީނުމުން ފުލުހުން އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ސައިކަލު ބުރު ނިންމާލުމަށް ފަހު އެ ހަރަކާތުގައި އިސްކޮށް އުޅުނު މީހުން ވަނީ ސައިކަލުތަކުން ފައިބައިގެން މަޖީދީ މަގަށް ދިއުމަށް ބައިވެރިންނަށް އިރުޝާދު ދީފަ އެވެ. އެއަށް ފަހު ގިނަ ބަަޔަކު ވަނީ މަޖީދީ މަގަށް ވަދެ، ޓްރެފިކް ހުއްޓޭ ގޮތަށް މަގުމަތީގައި އިށީނުމުން، ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ހިދުމަތުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން އިންތިޒާމު ކުރި ސައިކަލު ބުރު މުޒާހަރާއަކަށް ބަދަލުވިއިރު، "ދިވެހީންގެ ސުލްހަވެރި މުޒާހަރާ" ގެ ނަމުގައި އެއްވުމެއް ބާއްވަން ވެސް އެ ޕާޓީން ހުކުރު ދުވަހު މަސައްކަތް ކުރި އެވެ. ނަމަވެސް މޫސުމް ގޯސްވުމުން އެ ހަރަކާތް ކެންސަަލް ކުރީ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ. ފުލުހުން މުޒާހަރާ ރޫޅާލަން މަސައްކަތް ކުރި ނަމަވެސް ކޯލިޝަނުގެ އިސްވެރިން ހިމެނިވަޑައިގަންނަވާހެން ގިނަ ބަޔަކު އަދިވެސް އަންނަނީ އިށީންދެގެން ތިބެ މުޒާހަރާކުރަމުންނެވެ.













