ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވައިފި އެވެ.
ދަ ޑިމޮކްރެޓްސްގެ މައި އޮފީހުގައި އިލްޔާސް ފޯމު ހުށަހެޅުއްވީ މިއަދު މެންދުރު 1:00 ގަ އެވެ. ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ، އެބޭފުޅާ މަސައްކަތް ކުރައްވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަގުސަދުތައް ހާސިލްކޮށް ޕާޓީގެ ހުރިހާ މެންބަރުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް ކަމަށެވެ.
"މިކަމުގައި އަޅުގަނޑާ އެކުގައި މަސައްކަތް ކުރައްވާ ރައީސް މުހައްމަދު ނަޝީދާއި އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ޕާޓީގެ އިސް ބޭފުޅުންނާއި، ޕާޓީގެ މެންބަރުންގެ ވިސްނުމާ ފިކުރާ އެކުގަ އަޅުގަނޑު ކުރިއަށްދާނީ" އިލްޔާސް ވިދާޅުވި އެވެ.
އޭގެ އިތުރުން މި ދަތުރުގައި ދިވެހި ރައްޔިތުންގެ ތާއީދު ބޭނުންވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޑިމޮކްރެޓްސް އަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލުން މި ވަގުތަށް ބައެއް ކޮމިޓީތައް އެކުލަވާލިއިރު އެ ޕާޓީގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަން ހަވާލުކުރި ދެ ބޭފުޅުންގެ ތެރެއިން އެކަކަކީ އިލްޔާސެވެ. ދެން ހަވާލުކުރެއްވި ބޭފުޅަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީގައި އަމްރު ވާދަކުރައްވާނެކަމުގެ އަޑުފެތުރިފައި ވަނިކޮށް، އޭނާ ވާދަނުކުރައްވާނެ ކަމަށް މިއަދު "އަދަދު" އަށް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައިގެން އާ ސިޔާސީ ޕާޓީ އުފެއްދުމަށް ފަހު ރިޔާސީ އިންތިހާބުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ވެސް ބެލެވުނެވެ. އެހެން ނަމަވެސް ނަޝީދު ވަނީ މި މަހު 20 ގައި އެ ކަމަށް އެމަނިކުފާނުގެ ޝައުގެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ވަނީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ކުރިއަށް ނެރުއްވައިފަ އެވެ. އެ ކަމަށް އަދި އެއްބަސްވީ ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. އެ ކަމުގައި ޕީޕީއެމްގެ ރުހުން ވެސް އެ ޕާޓީތަކުން ބޭނުންވެ އެވެ.
ޕީޕީއެމުން އެ ކަމުގައި ބުނަމުން އަންނަ ވާހަކަ އަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެ ކެންޑިޑޭޓުގެ ގޮތުގައި ހަމަޖެއްސުމަށެވެ. ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ވާދައެއް ނުކުރެވޭ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ އިސްކޮށް ހުންނެވި އަދި އެމްޑީޕީގެ އެއް ބާނީ ނަޝީދަކީ މީގެ ކުރިން 2008، 2013، އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ކަނޑައެޅި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް 2018 ގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ގުނަންތައް އޮތީ އެމަނިކުފާނުގެ ބާރުގެ ދަށުގަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ބޭއްވި ބޮޑެތި އިންތިހާބުތައް ވެސް ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހެވެ.












