ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލުމަށް ޕީޕީއެމް/ޕީއެންސީން މިއަދު ހަވީރު މާލޭގައި ބާއްވަން ރޭވި ހިނގާލުން ކެންސަލްކޮށްފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ހުޅުވާލުމަށް ދެ ދުވަހަށް ވެފައިވާއިރު، "ދިވެހީންގެ ސުލުހަވެރި ހިނގާލުން" ނަމުގައި ބާއްވަން އިންތިޒާމު ކުރި ހަރަކާތް ކެންސަލް ކުރީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ހިނގާލުން ދެން ބާއްވާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައި ވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ އެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފަ އެވެ.

އިހުތިޖާޖުކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ތިއްބެވެ. ފުލުހުންގެ އަމުރަށް ކިޔަމަންތެރިވެ އެ ސަރަހައްދުން ނުގޮސް ތިބުމުން ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންނާއި ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ހިމެނެ އެވެ.
އެ އެންމެން ވެސް ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފަ އެވެ.












