ބޮޑަތި ބަލިތައް ހުރި ފަރާތްތަކަށް، ބޭރު ގައުމުތަކަށް ގޮސް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް، ޖުމްހުރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ، ބޮޑެތި ބަލިތަކުގެ ފަރުވާއަށް ރާއްޖޭން ބޭރަށް މީހުން ފޮނުވާ އިރު އެހީތެރިއަކަށް ހިނގާނެ ހަރަދުވެސް ޖޭޕީގެ ވެރިކަމެއްގައި ދޭނެ ކަމަށެވެ.
"ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް، އެހީތެރިއަކަށް ދާނެ ހަރަދާއި، ތިބުމުގެ ހަރަދާއި، ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކޭންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ" ގާސިމް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ ތަރައްގީކޮށް ރާއްޖެއިން ލިބޭ ތައުލީމު ފުޅާކުރުމުގެ އިތުރުން ރާއްޖެއިން ބޭރުން ދިވެހިންނަށް ތައުލީމީ ފުރުސަތުތައް އޭނާގެ ވެރިކަމެއްގައި ހޯދައި ދެއްވަން ވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ. ތައުލީމު ހާސިލްކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ގޮތްވެސް ގާސިމް މިރޭ ތަފުސީލުކޮށްދެއްވި އެވެ.
"ވަޒީފާ އަދާކުރަންކެރޭ ހުރިހާ ބޭފުޅުންނަށްވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލްހުރި ބޭފުޅުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން" މީގެ ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް ސޯލިހު ގާސިމަށް ދެއްވި އެވެ. އެކަމަކު ޖޭޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން ގާސިމް ވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ.
ނަމަވެސް، ޕީޕީއެމް ރުހޭނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ޑިމޮކްރަޓުން އެއްބަސްވީ އިއްޔެ އެވެ. އެކަމަށް އެއްބަސްވީ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
އެ ހުށަހެޅުމާ ޕީޕީއެމުން ދެކޮޅު ހެދުމާއެކު ގާސިމް ވަނީ އަލުން ކެމްޕޭން ފަށާފަ އެވެ. ޕީޕީއެމުން ބުނީ އެއްބަސްވެވޭ ކެންޑިޑޭޓަކަށް ވާންވާނީ އެ ޕާޓީގެ ކެންޑިޑޭޓު، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
ގާސިމް ވަނީ 2008 އަދި 2013 ގައި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރު ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް ގުޅިވަޑައިގަތީ ވެރިކަމަށް އައި ކޯލިޝަންތަކާއެކު އެވެ. އެކަމަކު, ހިޔާލު ތަފާތުވުންތައް ގިނަވެ އެ ދެ ފަހަރު ވެސް ކޯލިޝަނުން ޖޭޕީ ވަކިވީ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ކޯލިޝަނެއްގައި ޖޭޕީން މިހާ ގިނަ ދުވަހު މަޑުކުރި ފުރަތަމަ ފަހަރެވެ.











