ދައުލަތުގެ ހެކިން ހާޒިރުނުވެގެން، ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައި ހިނގަމުންދާ ޝަރީއަތުގައި މިއަދަށް ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މީގެ ކުރިން ކްރިކް ރިޒާ ބަލިވެގެން ފަސް ދުވަހަކަށް ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ގޮސްފައިވެ އެވެ. އޭގެ ފަހުން ދައުލަތުން އެދިގެން ރިޒާގެ ބައި ވަނީ ވަގުތީ ގޮތުން އަނބުރާ ގެނެސްފަ އެވެ. އެއީ ރިޒާ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި އޭނާއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ވާހަކަ ހިމެނޭ ކަމަށް ބުނާ އޯޑިއޯއެއް ފުލުހުން ތަހުލީލުކޮށް ނިމެންދެނެވެ.
އޭގެ ފަހުން މިދިޔަ ހަފުތާގައި އަޑުއެހުމެއް ބާއްވައި ދެ ހެކިންގެ ހެކިބަސް ނެގި އެވެ. އަދި މިއަދު ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ދައުލަތުގެ ހެކިން ހާޒިރު ނުވެގެން ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ހަވާލުކޮށްފައިވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ބުންޏެވެ.

މިހާތަނަށް ދައުލަތުން ހުށަހެޅި އަށް ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިންނެވެ.
ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މި ވަގުތަށް އިސްތިއުނާފު މައްސަލަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ފުއްގިރި މައްސަލައިގެ ފަސްފަހަތް
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.












