އަންނަ ސެޕްޓޭމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެކަމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން މިރޭ ބުނެފި އެވެ.
ހ. ބޮޑުފެންވަޅުގޭގައި ހުންނަ ޑިމޮކްރެޓްސްގެ އޮފީހުގައި މިރޭ ބޭއްވި ވަގުތީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އެ ޕާޓީގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއަކުން ކަމަށެވެ.
އެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވި ގޮތުގައި ޕްރައިމަރީއަށް އަންނަ ހޯމަ ދުވަސް ހިސާބުގައި ހުޅުވާލަން މަސައްކަތް އެ ޕާޓީން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޑިމޮކްރެޓްސްގެ ވަގުތީީ ކައުންސިލުން މިރޭ ބޭއްވި ބައްދަލުވުމުގައި ރިޔާސީ ކެންޑިޑޭޓް ނެރޭނެ ގޮތް ނިންމުމުގެ އިތުރުން ޕާޓީގެ އެތެރޭގެ ބައެއް ކޮމިޓީތައް އެކުލަވައިލި އެވެ. ޕްރައިމަރީއާ ބެހޭ ކަންކަން ކުރިއަށްގެންދާނެ އިންތިހާބާ ބެހޭ ކޮމިޓީއެއް އޭގެ ތެރޭގައި ހިމެނެ އެވެ. ޕަރައިމަރީ ބާއްވާ ތާރީހު ކަނޑައަޅާނީ އެ ކޮމިޓީންނެވެ.
ޑިމޮކްރެޓްސްއިން ޕްރައިމަރީއެއް ބާއްވާނެކަން އިއުލާނުކުރި އިރު، ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23، ގައި އީސީން ހުޅުވާލާނެ އެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޮގަސްޓު 3، ވަނަ ދުވަހަށެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ނަޝީދު އުފެއްދެވި 'ފިކުރެއްގެ ދިރުން' ހަރަކާތުގައި އިސްކޮށް އުޅުއްވި ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. ޕާޓީގެ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށްފަހު މި މަހުގެ 13، ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.
ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމަށް ތައްޔާރުވާއިރު، ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމާއެކު އެކުގައި ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ހިޔާލުވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ޕީޕީއެމުން ވަނީ ނަޝީދުގެ ހިޔާލަށް ރައްދުދީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފަ އެވެ.













