ށ. ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސްފި އެވެ.
މި ހާދިސާގައި އެފްއެސްއެމްގެ ބޯޓުން އަށް އިންޗި ވަރުގެ ތަނެއް ފަޅައިގެން ދިޔަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި, އެކަމުގެ ސަބަބުން ބޯޓު އޮތީ ށ. މަތިކޮމަންޑޫއަށް ބީއްސާލާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެހެން ނަމަވެސް, ފަޅައިގެން ދިޔަ ތަނުގައި އުނގުރިއެއް ޖަހައި ދިޔަވުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
ތެޔޮ ބާލަނިކޮށް މިފަދަ ހާދިސާއެއް ހިނގިއިރު އޭގެ ސަބަބުން ކަނޑަށް އެއްވެސް ވަރަކަށް ތެޔޮ ބޭރުވި ކަމެއް ސާފު ނުވެ އެވެ. އެއްވެސް އިދާރާއަކުން އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:00 ގައި ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި, އެ ވަގުތުން ފެށިގެން ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް މައުލޫމާތު ދިނެވެ.












