ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރަކު އާއިލީ ޒިންމާގެ ގޮތުގައި ޗުއްޓީއެއް ނެންގެވުމުން މައްސަލަ ޝެޑިއުލްނުކުރެވި ލަސްވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އިސްތިއުނާފު މައްސަލާގައި މިހާތަނަށް ބޭއްވުނީ ހަތަރު އަޑުއެހުމެކެވެ. ފުރަތަމަ ދެ އަޑުއެހުމުގައި އޮތީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ބަހުސެވެ. އެ ބަހުސް ނިންމާލުމަށް ފަހު، ތިންވަނަ އަދި ހަތަރުވަނަ އަޑުއެހުމުގައި ގެންދިޔައީ ޔާމީން ހުށަހެޅި ނުކުތާތަކުގެ ބަހުސެވެ. އެ ބައި އަދި ނުނިމެ އެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުންނެވީ އާއިލީ ޒިންމާގެ ޗުއްޓީ ނަންގަވައިގެންނެވެ. އެ ޗުއްޓީ ނެންގެވީ އޭނާގެ ދަރިފުޅެއްގެ ބަލި ހާލަތު ހުންނެވި ގޮތުން ކަމަށް މައުލޫމާތު ލިބެ އެވެ.
އޭގެ އިތުރަށް ފަނޑިޔާރު މުހައްމަދު ސަލީމް ވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީއެއް ނަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަން އެނގިފައިވެ އެވެ.

ފަނޑިޔާރުންގެ ޗުއްޓީއާއި ޒާތީ މައުލޫމާތު ހުރި ކަމަކަށް ވުމުން ހައި ކޯޓުން މާ ބޮޑު ތަފުސީލެއް ނުދިނެވެ.
ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.
ނަމަވެސް އެ މައްސަލާގައި ދައުވާ ކުރާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ، ޖެހިޖެހިގެން ފަސް ފަހަރު މި ފަހުން އަޑުއެހުން ނުބޭއްވި ދިޔަ އެވެ. އެހެންކަމުން އެ މައްސަލަ ވެސް މިހާރު އޮތީ ދުރާލާ ދިން ތާވަލަށް ވުރެ ފަހަތުގަ އެވެ.












