ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި "އިންޑިއާ އައުޓު" ގޮވުމަށް އިއްޔެ ހަވީރު ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކުރި ގޮތާމެދު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ކަމަށެވެ.
އެ މީހާ ހައްޔަރުކުރި ގޮތް ކުށްވެރިކޮށް، މައްސަލަ ބެލުމަށް އިދިކޮޅުން ގޮވާލާފައި ވަނިކޮށް، ރޭ ދަންވަރު ފުލުހުން ބުނީ "[ޕީޕީއެމް/ޕީއެންސީގެ] އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް،" ކަމަށެވެ.
"އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި އިރު އެ މީހާ ކައިރީ ކުޑަކުއްޖަކު ނެތްކަން ފާހަގަ ކޮށްލަމެވެ." ފުލުހުން ބުންޏެވެ.
އެ މީހާގެ ނަމެއް ފުލުހުން، އަދި އިދިކޮޅުން ވެސް ހާމައެއް ނުކުރެ އެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގެ ތެރެއިން އެ މީހާ ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއީ ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާ އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރީ މުޒާހަރާގެ ފޮޓޯއެއް ނެގުމަށް ފަހު އެ ސަރަހައްދުން ދިޔުމަށް މަސައްކަތް ކުރަނިކޮށް ކަމަށެވެ.

"ފުލުހުންގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
އެ މީހާ ހައްޔަރުކުރި މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާއިން ވެސް އެ އަމަލު ހިންގި ފުލުހުންގެ މައްސަލަ ބެލުމަށް ގޮވާލާފައިވެ އެވެ.
އެ މީހާ ހައްޔަރުކުރި ގޮތުގެ ވީޑިއޯ އާއި، އޭނާގެ ގާތުގައި އޭރު ހުރި ކަމަށް ބުނާ ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރު އެބަ ކުރެ އެވެ.
ރިޔާސީ އިންތިހާބު ފެށެން ގާތްވަމުން އަންނައިރު އިދިކޮޅުގެ މުޒާހަރާތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. ކޮންމެ ހުކުރު ދުވަހެއްގައި އިދިކޮޅުން ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ތިބެ އަޑުއުފުލަ އެވެ. މިދިޔަ ހަފުތާގެ ހުކުރު ދުވަހު އިދިކޮޅުން ނެރުނީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދަރަ މޮތީ ސިފަވާ ގޮތަށް ހަދާފައިވާ މާއްޔެކެވެ.
އީދި ފާހަގަ ކުރުމަށް އެފަދަ ގޮތަކަށް އިދިކޮޅުން މާލި ނެރުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރި އެވެ.











