ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އާރްޑީސީގެ ބޭންކު އެކައުންޓަކުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިތޯ ފުލުހުންގެ މީޑިއާ ގްރޫޕެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ އިދާރާއިން ބުނީ "އާރްޑީސީއާ ގުޅުންހުރި މައްސަލައެއް" ބަލަމުންދާ ކަމަށެވެ.
އޭގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި ތަހުގީގު ކުރަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން ވެސް ފުލުހުން ނުބުނެ އެވެ.
އާރްޑީސީގެ ވައްކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށާއި އެ މައްސަލަ ބަލަނީ މޯލްޑިވްސް މަނަޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ގުޅިގެން ކަމަށް މިއަދު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެ މައްސަލައިގައި މި ނޫހުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާ އެ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ކުންފުންޏާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައި ނެތް ކަމަށެވެ. އަދި އެއްވެސް މައްސަލައެއްގައި އެއްވެސް މުވައްޒަފަކާ ފުލުހުން ސުވާލުކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ބަލަމުން ދަނީ މޫކޭ ބައިވެރިވެގެން ހިންގި ހިޔާނާތުގެ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އެ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.
"ކުންފުނީގެ އެކައުންޓުން އަޅުގަނޑުގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރީއޭ ކިޔައިފަ ލިޔެފަ ހުރި ވާހަކަތަކެއް ދެން އެނގެނީ، އެއީ ގައިމު ވެސް ހަގީގަތެއް ނޫން، ދެން ފުލުހުން ވެސް މައްސަލައެއް ބަލަންޏާ އެ މައްސަލައެއް އެންގީމަތާ އެއާ ގުޅިގެން އެއްޗެކޭ ބުނަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.










