މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް އަނެއްކާ ވެސް އިތުރު ދިވެއްސަކު އިއްޔެ ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހިމެވެ. އޭނާ ނިޔާވީ މައްކާގައި، ކުއްލި ގޮތަކަށްކަން އެނގިފައިވެ އެވެ.
އެއީ މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަނިކޮށް ނިޔާވި ތިން ވަނަ ދިވެއްސެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72، ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
އޭގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ، 72، ވެސް ނޫރު ފަރުބަދަ ކައިރި ނިޔާވެފައި އޮއްވާ ފެނިފައިވެ އެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ.
މިފަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް އާދަޔާ ހިލާފަށް ސައުދީ އަރަބިއްޔާގައި ވަނީ ހޫނުގަދަވެފައިވާއިރު ހޫނުގެ އަސަރުކޮށްގެން 2000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެ އެވެ. އަދި 230 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވެ އެވެ.











