މަޑަގަސްކަރާގައި އޮގަސްޓް މަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އަައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ފައިނަލް ކޮށްފި އެވެ.
އޮގަސްޓް 25 އިން ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 11 ވަނަ އައިއޯއަައިޖީގައި ރާއްޖެ ތަމްސީލް ކުރާނެ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހަ އަަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ.
އެ ގޮތުން، ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް، އަލީ އިމްއާން، އަހުމަދު ނީޤް ނިޔާޒް، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ޖޫދު ފަޔާޒް އެވެ. އަންހެން ފެތުންތެރިންނަކީ މިރާލް އައިން ލަތީފް، ހަމްނާ އަހުމަދު، އީން އައްބާސް ޝަރީފް، ހަނާން ހުސެއިން ހަލީމް، ޒައިނަބް އަބްދުﷲ ޝަފީގު އަދި އައިޝަތު ސައުސަން އެެވެ.
އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިންގެ ޓީމު ނަގާފައިވަނީ ޓައިމް ޓްރަޔަލެއް ބޭއްވުމަށް ފަހު އެވެ.
ޓީމުގައި ހިމެނޭ ގިނަ ފެތުންތެރިންނަކީ ރާއްޖޭން އެންމެ ފަހުން ވާދަކުރި ދެ މަލްޓި ސްޕޯޓްސް ގޭމްސްގައި ރާއްޖޭ ގައުމީ ޓީމުގައި ހިމެނުނު ފެތުންތެރިންނެވެ. އެ ގޮތުން އެ ފެތުންތެރިން ވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް ގިނަ ގައުމީ ރެކޯޑްތަކެއް ވަނީ ހަދައިފަ އެވެ.












