އީދު ބަންދުގެ ކުރިން އިސްތިއުނާފު އަޑުއެހުންތައް ނިންމައިދިނުމަށް އެދުނު ނަމަވެސް، ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފް އަޑުއެހުން މިއަދަށް ތާވަލު ނުކުރަން ހައިކޯޓުން ނިންމައިފި އެވެ.
ކުރިއަށް އޮތީ ދިގު ބަންްދެއް ކަމުންް ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް ބަންދުގެ ކުރިން ނިންމާލުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް މިއަދަށް އެ އަޑުއެހުންް ތާވަލުކޮށްފައެއް ނުވެ އެވެ. ހައިކޯޓުގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ، ދެން އިސްތިއުނާފު އަޑުއެހުމެއް ތާވަލުކުރާނީ އީދު ބަންދު ނިންމައި ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ކުރިއަށް ގެންދެވުނީ ޔޫސުފް ނައީމް އިސްތިއުނާފުކޮށްފައިވާ ނުކުތާތައް ޝަރީއަތަށް އިއްވުމަށާއި އެ ނުކުތާތަކާ ގުޅޭ ގޮތުން ޔޫސުފް ނައީމް އަދި ދައުލަތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ.
ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.
ނަމަވެސް މި ހަފުތާ ބޭއްވުމަށް ހަމަޖެހުނު ދެ އަޑުއެހުން ވެސް، އެ މައްސަލާގައި ދައުވާކުރާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ނުބޭއްވުނެވެ. އެހެންކަމުން އެ މައްސަލަ ވެސް މިހާރު އޮތީ ދުރާލާ ދިން ތާވަލަށް ވުރެ ފަހަތުގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތަކެއް އީދު ބަންދު ނިމިގެން ޖުލައި 2 އަދި ޖުލައި 4، ގައި އޮތް ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ހަވާލުކޮށްފައިވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ބުނެ އެވެ.












