އަޟްހާ އީދުގެ މުނާސަބަތުގައި ހުކުރު ދުވަހުން ފެށިގެން ކުރިއަށް އޮތް ނުވަ ދުވަސް ސަރުކާރު ބަންދު ވާނެތީވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް މާދަމާ ނިންމައިދިނުމަށް ޔާމީންގެ ފަރާތުން އެދިއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ކުރިއަށް ގެންދެވުނީ ޔޫސުފް ނައީމް އިސްތިއުނާފުކޮށްފައިވާ ނުކުތާތައް ޝަރީއަތަށް އިއްވުމަށާއި އެ ނުކުތާތަކާ ގުޅޭ ގޮތުން ޔޫސުފް ނައީމް އަދި ދައުލަތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ.
މިއަދު ތިންވަނަ އަޑުއެހުން ބޭއްވިއިރު، ޔާމީންގެ ފަރާތުން ހުށަހަޅާ ނުކުތާތައް އިއްވުމަށް ފުރުސަތު ދެއްވި އެވެ. ޖުމުލަ 14 ނުކުތާ ޔާމީންގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި އިއްވިއިރު އަޑުއެހުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވެގެން ދިޔަ އެވެ. އޭގެ ތެރޭގައި ބައި ގަޑިއިރެއްގެ ހުސް ވަގުތުކޮޅެއް ވެސް ހިމެނެ އެވެ.
ހައި ކޯޓުގެ ވެބްސައިޓްގައި މާދަމާ، މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެއް ނެތެވެ.

މިއަދުގެ އަޑުއެހުން ނިންމުމުގެ ކުރިން ފުރުސަތަކަށް އެދިވަޑައިގަތުމުން ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަނީ މާދަމާ އަޑުއެހުންތައް ނިންމާލެވޭ ވަރު ކުރުމަށް އެދިވަޑައިގެންފަ އެވެ.
"ކުރިއަށް މި އޮތީ ވަރަށް ދިގު ބަންދެއް، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މާދަމާ އަޑުއެހުމެއް ބާއްވައިދިނުމަށް، އޭރަށް މައްސަލައިގެ އަޑުއެހުންތައް ބަންދުގެ ކުރިއަށް ނިންމައިލެވޭނެ ކަމަށް އެބަ ބެލެވޭ،" ޖަމީލު ވިދާޅުވި އެވެ.
ނަމަވެސް, މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ ކޯޓުގެ ތާވަލުތައް ދުރާލާ ރާވާފައި އޮންނަ ކަމަށެވެ. މާދަމާ އަޑުއެހުމެއް ބާއްވާނެ ކަން ނުވަތަ ނުބޭއްވޭނެ ކަމަކަށް ވެސް ވިދާޅެއް ނުވެ އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާދަމާގެ ތާވަލު ލިބުނުއިރު އެ މައްސަލަ ޝެޑިއުލްގައި ނެތް ކަމަށެވެ. ނަމަވެސް, ހައި ކޯޓުގެ ތާވަލަށް މިއަދުގެ ވަރަށް ފަހު ވަގުތަކަށް ވެސް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އެކި އިސްތިއުނާފުތަކަށް އެކި ފަނޑިޔާރުންނެވެ. ޔާމީންގެ އިސްތިއުނާފަށް ފަނޑިޔާރު ހުޒައިފާ ރިޔާސަތު ބެލެހެއްޓެވިއިރު، ޔޫސުފް ނައީމްގެ އިސްތިއުނާފަށް ބެލެހެއްޓެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ބެންޗުގައި އިންނަވަނީ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛
ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.
ނަމަވެސް މި ހަފުތާ ބޭއްވުމަށް ހަމަޖެހުނު ދެ އަޑުއެހުން ވެސް، އެ މައްސަލާގައި ދައުވާކުރާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ ނުބޭއްވުނެވެ. އެހެންކަމުން އެ މައްސަލަ ވެސް މިހާރު އޮތީ ދުރާލާ ދިން ތާވަލަށް ވުރެ ފަހަތުގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތަކެއް އީދު ބަންދު ނިމިގެން ޖުލައި 2 އަދި ޖުލައި 4، ގައި އޮތް ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ހަވާލުކޮށްފައިވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ބުނެ އެވެ.













