ފާއިތުވި ދެ އަހަރު ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ އުފެއްދިކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ސިޔާސީ މަސްރަހު އަދި ރައްޔިތުންގެ ހިޔާލުތައް އޮތް ގޮތް ބެލުމަށް ޓްރާންސްޕޭރެންސީން ތައްޔާރުކުރި އެސެސްމެންޓު ރިޕޯޓުން ދައްކާ ގޮތުން، 2021 އިން މިއަހަރާ ހަމައަަށް ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ އުފެއްދި އެވެ.
ސަރުކާރު ކުންފުނިތަކުން 2019 އިން ފެށިގެން 2021 ގެ ނިޔަލަށް އުފެއްދީ 10،000 ވަޒީފާ އެވެ. އެހެން ނަމަވެސް މިއަހަރު އެއަދަދު 25،000 އަށް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން މިހާ ގިނަ އަދަދަކަށް ވަޒީފާ އުފައްދާފައި ވާއިރު، ކުންފުނިތަކުގެ ހިންގުމުގެ ދާއިރާގައި ހިރާސްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ބުނެ އެވެ.
މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން
- ދައުލަތުގެ ކުންފުނިތަކުގެ ބޯޑުތައް އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް އޮތުމާއި މެންބަރުން މެދުވެރިކޮށް ސިޔާސީ ނުފޫޒާއި އިންތިހާބީ މަންފާއަށް މަގުފަހިކުރުން.
- ސަރުކާރާއި ސިޔާސީ ޕާޓީޔަކާއި ކުންފުނިތަކުގެ ހިންގުންތެރިންނާއި އޮންނަ ސިޔާސީ ގުޅުމުގެ ސަބަބުން ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާއަށް މަގުފަހިވުން
- ސީއެސްއާރުގެ ހަރުދަނާ އަދި ހާމަކަންބޮޑު އުސޫލެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކަށް ހަރަދުކުރުމުގައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާއަށް މަގުފަހިވުން
- ރިސްކު މެނޭޖުމެންޓު ނިޒާމުތައް ބައެއް ކުންފުނިތަކުގައި ނެތުން ނުވަތަ ހަރުދަނާ ނުވުމުގެ ސަބަބުން ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާއަށް މަގުފަހިވުން
އޭގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ގަވަނަންސް ނިޒާމުތަކުގެ ހާމަކަން ކުޑަކަމަށް އެ ޖަމިއްޔާއިން މީގެ ކުރިން އެކުލަވާލި ދިރާސާއަކާ ހަވާލާދީ ބުނެފައި ވެއެވެ. ޓްރާންްސްޕޭރެންސީގެ ރިޕޯޓުގައިވާގޮތުން 2019 އިން މިހާތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާ ގުޅޭ 64 މައްސަލައެއް ހުށަހެޅިފައިވެ އެވެ.













