ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި މަގާމުތައް ފުރުއްވާފައިވާ، މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ނުބޭއްވުމަށް ނިންމައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނާއި ކްރިކް ރިޒާގެ އިތުރަށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް އަދާކުރުމެވެ. މިއަދު ހަތަރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް ކްރިކް ރިޒާ އެދިފައިވާ ކަމަށް ކޯޓުން ބުންޏެވެ.
"މައްސަލައިގައި ދައުވާ ރައްދުވާ އެއް ފަރާތް، ކްރިކް ރިޒާ ބަލި ހާލަތު ހުރި ގޮތުން ޝަރީއަތުގައި މިއަދު ބައިވެރިނުވެވޭނެ ކަމަށް ވަނީ އަންގައިފަ،" ކްރިމިނަލް ކޯޓުގައި އެ މައްސަލަ ހަވާލުކޮށްފައިވާ ގާޒީ އަލީ ނަދީމްގެ ސެކްޝަނުން ބުންޏެވެ.

މިހާތަނަށް ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް ނެގިއިރު އޭގެ ތެރޭގައި ހިޔާނާތުގެ މޭސްތިރިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
ރިޒާގެ ނަމުގައި ބޭންކު އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކުން ސަން ކޮންސްޓްރަކްޝަނަށް 1.1 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މެއި 29، 2016 ގަ އެވެ. "އިންހައުސް ޓްރާންސްފާ" އެއް ގޮތަށް ސަން އިންވެސްޓްމަންޓުން ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރީ ޖޫން 7، 2016 ގަ އެވެ.
އަދި ހަމަ އެ ތާރީހުގައި އެ ފައިސާއަށް އަށްސަތޭކަ ޑޮލަރު އިތުރުކޮށްފައި އިސްލާމިކް ބޭންކުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
ޔާމީނާއި ކްރިކް ރިޒާ އަދި ސަންގެ ކުންފުނިތަކުން ބުނާ ގޮތުން ރ. ފުއްގިރި ކުއްޔަށް ދިނުމަށް ހިނގާފައިވާ މުއާމަލާތާއި ޔާމީނާއި ސަންގެ ކުންފުނިތަކާ މެދު ހިނގާފައިވާ މުއާމަލަތަކީ މުޅިން އެހެން މުއާމަލާތެއް ކަމަށެވެ. އެއީ ސަންގެ ކުންފުންޏަކާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ވެސް ހުށަހަޅާފައިވެ އެވެ.













