އަވަހަށް ނިންމަން، އިސްތިއުނާފު އަޑުއެހުންތައް ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ

ޝަރީއަތަށް ހާޒިރުކުރުމަށް ފަހު އަނބުރާ މާފުށި ޖަލަށް ގެންދަން ޔާމީން ލޯންޗަށް އަރަމުން ސަޕޯޓަރުންނަށް ހަނާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޝަރީއަތަށް ހާޒިރުކުރުމަށް ފަހު އަނބުރާ މާފުށި ޖަލަށް ގެންދަން ޔާމީން ލޯންޗަށް އަރަމުން ސަޕޯޓަރުންނަށް ހަނާ އަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް ކައިރިކައިރީ، ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައިވާ ހުކުމުގެ މައްސަލައިގެ މިއަދު ދެވަނަ އަޑުއެހުން ބޭއްވުނު އިރު، އަދި ކުރިއަށް ގެންދެވިފައިވަނީ ޔޫސުފް ނައީމް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން އޭނާގެ ވަކީލުންނާއި ދައުލަތުން ދައްކަން ހުރި ވާހަކަތައް ދެއްކުމެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު، ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވި އެވެ. އަދި, ދައުލަތުން އޭގެ ރައްދު ދެއްވި އެވެ. ދައުލަތުން ރައްދުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމަށް ޔޫސުފް ނައީމަށް ފުރަތަމަ ފުރުސަތު ދެއްވި އެވެ. އަދި ޔޫސުފް ނައީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަން ވެސް ދައުލަތަށް ފުރުސަތެއް ދެއްވި އެވެ. އެއީ އާންމުކޮށް ވެސް ފުރުސަތު ދެވޭ ހަމަ އެވެ.

ޔާމީން ފުރުސަތަކަށް އެދިވަޑައިގަތީ، ދައުލަތުން ރައްދުގައި ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިންނެވެ. އެ ފުރުސަތުގައި އެމަނިކުފާނު އެދިވަޑައިގަތީ ވީހާވެސް ކައިރިކައިރީގައި އަޑުއެހުންތަކެއް ތާވަލު ކުރުމަށެވެ. އަދި, މައްސަލަ އަވަހަށް ނިންމުމަށް ޓަކައި، އަޑުއެހުން ބާއްވާ ދުވަހަކު ވީހާވެސް ދިގުކޮށް ގެންދިޔައަސް އެމަނިކުފާނަށް އެންމެ ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"އިސްތިއުނާފުގެ މައްސަލައަކަށް ވާތީވެ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ތަންކޮޅެއް ވަގުތު ދިގުކޮށް، ތަންކޮޅެއް ފްރީކިއުންޓްކޮށް، ވަގުތު ދިގުލައިގެން ގެންދާ ގޮތަށް، އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އެ އިންތިޒާމު ހަމަޖައްސައިދީފިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން،،" ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ލިޔެކިޔުންތައް ވަރަށް ގިނަ ކަމަށެވެ. އިސްތިއުނާފު ކޮށްފައިވާ ދެ ފަރާތުން ވެސް ޝަރީއަތަށް ހުށަހަޅާފައިވާ ރިޕޯޓުގައި 2،000 ސަފްހާއަށް ވުރެ ގިނައިން ހުރިކަން ފާހަގަ ކުރެއްވި އެވެ.

"ޝަރީއަތުން ވެސް މަސައްކަތް ކުރަމުން ދާނީ މައްސަލަ ވީ އެންމެ އަވަހަކަށް، އެންމެ ފުރިހަމައަށް، ކޮންމެ ހަސްމަކަށް ވެސް އެކަށޭނަ ފުރުސަތު ވެސް ދީގެން، މައްސަލަ ނިންމުމަށް،" ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

އަޑުއެހުން ނިންމާލައްވަމުން ޔާމީނަށް ދެއްވި ފުރުސަތުގައި ވިދާޅުވީ ދެ ދުވަހު އަޑުއެހުން ބޭއްވިއިރު ވެސް އަދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވާ ނުކުތާތައް ޝަރީއަތަށް އިއްވަން ފުރުސަތު ލިބިވަޑައިނުގަންނަވާއިރު، ދެން އަޑުއެހުންތައް ބާއްވާއިރު ވީހާވެސް ދިގުކޮށް އަޑުއެހުންތައް ބާއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މި މައްސަލައިގައި ދެ ދުވަސް ވެސް ހިނގައިދިޔައީ، އަދި އަޅުގަނޑު ފަރާތުން ހުށަހަޅަން ހުރި ނުކުތާތަކެއް ހުށަހަޅަން ފުރުސަތު ނުލިބޭ، މި މައްސަލައިގެ މައިގަނޑު ނުކުތާތައް ހުށަހަޅަން ވެސް އޮތީ އަޅުގަނޑުގެ ފަރާތުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވާހަކަ ދައްކަވަން ފުރުސަތު ހޯއްދަވާފައި، މަދުވެގެން ހަތަރު ގަޑިއިރުގެ ވަގުތެއް ދުވާލަކަށް ހޭދަކުރެވޭ ގޮތަށް ހަމަޖެއްސެވުމަށް އެދިވަޑައިގަތެވެ. މިދިޔަ ދެ ދުވަހު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ދެ ގަޑިއިރަށެވެ.

އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް ވަގުތު ދިގުކޮށް ބާއްވަން ޔާމީން މިއަދު އެދިވަޑައިގަތް އިރު، މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ކައިރިކައިރީ ބާއްވާތީ އިސްތިއުނާފުގެ އަޑުއެހުންތައް ބާއްވަން ހުރަސް އެޅޭ ކަމަށް ވިދާޅުވެ ޝަކުވާ ކުރެއްވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ވެސް ހައި ކޯޓުގައި އަޑުއެހުމެއް ބާއްވަން ތަވާލުކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މާ ކުރިން ނޯޓިސް ފޮނުވާފައި އޮތުމާއި، އެ ކޯޓުގެ ވަގުތު މާ ބޮޑަށް ދިގުލައިގެން ދާތީ އަޑުއެހުން ނުބޭއްވުމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.

މިއަދު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއު ވިދާޅުވީ އަބަދުވެސް އަމަލުކުރާ ގޮތަކީ ކުރިން ނޯޓިސް ފޮނުވާ ކޯޓަކަށް އެ ފުރުސަތު ހަމަޖެއްސެވުން ކަމަށެވެ. އަދި އަންނަ ހަފުތާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އަޑުއެހުން ނިންމަވައިލެއްވި އެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރަށް، ފަނޑީޔާރު ހުޒައިފާ މުހައްމަދާއި، ފަނޑީޔާރު މުހައްމަދު ސަލީމެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox