މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންމެޕެނީ (އެމްޓީސީސީ) ގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.
ޕަބްލިކް ކުންފުނި ތަކުގެ އަހަރީ އާންމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މޭ 31 ގެ ކުރިން ބޭއްވުމަށް ލާޒިމުކުރި ނަމަވެސް، އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް މުއްދަތު ދީފަ އެވެ. އެއީ 2022 ވަނަ އަހަރުގެ އަހަރީ އޮޑިޓް ނިންމުމަށް ބޭނުންވާ ބައެއް ލިޔެކިޔުން ނުލިބުމާއި ގުޅިގެންނެވެ.
އެމްޓީސީސީގެ އާންމު ޖަލްސާގެ ނޯޓިސްގައި ބުނެފައިވާ ގޮތުގައި ޖަލްސާގައި ބައިވެރި ވެވޭނީ މި އަހަރުގެ އެޕްރީލް 12 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި, ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 13 ވަނަ ދުވަހުގެ 20:30 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށާއި އެމްޓީސީސީގެ ޝެއާހޯލްޑާސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ވެވޭނެ އެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ އާމްދަނީ، 2021 ވަނަ އަހަރު ލިބުނު 1.97 ބިލިއަން ރުފިޔާ އިން 2022 ވަނަ އަހަރު 2.47 ބިލިއަން ރުފިޔާ އަށް އިތުރުވި ނަމަވެސް، ސާފު ފައިދާ ވަނީ 231 މިލިއަން ރުފިޔާ އިން 195.7 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފައިދާ އިން ފަސް ރުފިޔާގެ މޫނު މަތީ އަގުގެ ހިއްސާ އަކަށް ޖެހިފައި ވަނީ 24.35ރ. އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަށް ހަތަރު ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ފައިދާ އިން ޖުމްލަ 32 މިލިއަން ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ.













