އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅާ, ހުއްޓުވި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
މިދިޔަ މާޗް މަހު 20 ވަނަ ދުވަހުގެ ރޭ, ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ބޮޑުތަކުރުފާނު މަގު، ޗީބޯ ކެފޭ ކައިރިން ދަތުރުކުރައްވަމުން ގެންދަވަނިކޮށް, އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިދިކޮޅު މުޒާހަރާއެއްގެ ބައިވެރިންނެވެ.
ދައުވާ އުފުލި މީހުން
- މުހައްމަދު އައްބާސް (ހުޅުމާލެ. 11328 ގޯތި)
- އަހުމަދު ރަޝީދު (ދަފްތަރު. ނަންބަރު ރސ 9151)
- އަހުމަދު އަޒީލް (ހުޅުމާލެ. ފްލެޓް 06-2-154)
- އަހުމަދު ސިނާން (ގއ. ދެއްވަދޫ، އެސްޓަންވިލާ)
- މަރްޔަމް މާޝާ (ށ. ބިލެތްފަހި، ސޭޑީކޯނާ)
މި އެންމެންގެ މައްޗަށް ވެސް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. ނަމަވެސް ސިނާން އާއި މާޝާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 615 މާއްދާގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ވެސް ކުރި އެވެ.
އައްބާސް, ރަޝީދު އަދި އަޒީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ސިނާންއާއި މާޝާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ މޭ މަހު 16 ގަ އެވެ.
މާޗް 20 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅީ އެމަނިކުފާނުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށް ފަހު މާލެ ވަޑައިގެންނެވި ވަގުތެވެ. މޮޓޯކޭޑު ތާާށިވެ 15 ވަރަކަށް މިނެޓު އެ ސަރަހައްދުގައި އޮތެވެ.













