ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ލިޔުމުން ދިފާއުވުމުގެ ހައްގު ހިފެހެއްޓުމާ ގުޅިގެން, މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެދިވަޑައިގެންފި އެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ރިފްއަތު ޖަވާބު ފޮނުއްވީ ލިޔުމުންނެވެ. އެކަމުގައި އިޖުރާއީ ސުވާލުތައް އުފައްދަވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ޕާކް ކުރައްވައިފަ އެވެ. އަދި, ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެކަމުގައި ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ރިފްއަތު ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވީ އެެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި, އެ ޖަލްސާގައި ލިޔުމުން ޖަވާބުދާރީވުމުގެ ހައްގު ވެސް ދީފައި ނުވާ ކަމަށް ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ރިފްއަތު ވިދާޅުވެފައިވެ އެވެ.
އަދި, މަޖިލީހުގައި ދެން އެ މައްސަލަ އޮންނަ ދުވަހަކުން ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމުގެ ހައްގު އިހުތިޔާރުކޮށް, ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އިތުބާރުގެ މައްސަލަ ތަކުގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީވުމުގެ ހައްގުގެ ވާހަކަ އޮތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ،" މިހެންނެވެ.
މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވެސް އޮތީ ހަމަ މި އިބާރާތެވެ.
ރިފްއަތުގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބު
އޭނާ މަޖިލީހަށް ފޮނުއްވި ޖަވާބުގައި 37 ނުކުތާއެއް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި, އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ދިފާއު ކޮށްފައިވާނެ ކަމަށާއި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމާ އެކު ވަކާލާތުކޮށްފައިވާނީ ރާއްޖެއަށް އެންމެ ފައިދާހުރި ގާނޫނީ ގޮތުން ބުރަދަން ހުރި ނުކުތާތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ އަންކްލޮސްގެ ދަށުން މޮރިޝަސް އިން ދިވެހިރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި، ދައުލަތުގެ ފަރާތުން ނަގާފައިވާ ސްޓޭންޑަކީ ކަމާ ބެހޭ ގާނޫނުތަކާއި ފެންނަން ހުރި ހަގީގަތްތަކާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޔާޢާތްކުރެވި ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮތްކަން ފާހަގަކުރަން," ރިފްއަތު ވިދާޅުވެފައިވެ އެވެ.
"މި މައްސަލައިގައި އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއްކަމުގައި ބުނެވޭނެ ގާނޫނީ މަރުކަޒެއް، އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރުން ދައްކަވާފައި ނުވޭ."
"މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓު ކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދީފައި ދުސްތޫރީ ބާރުގެ ތަރަހައިން ނިންމާފައިވާ ނިންމުމެއް," އޭނާ ގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުގައި އެއްވެސް މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރިފްއަތު ވަނީ ގައުމީ މަސްލަހަތު އިސްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.













