ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސް ސޯލިހާ ބައްދަލު ކުރީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ކުރަން އަދާލަތުން ނިންމާފައިވާތީ ރައިސްގެ ސަމާލު ކަމަށް ބައެއް ކަންކަން ގެނައުމަށް ކަމަށެވެ.
ނަމަވެސް އެ ކަންކަމުގެ ތަފުސީލެއް ނުދެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި، އެ އިލްމުވެރިން ތިއްބެވީ ރައީސް ސޯލިހާއެކުގައިކަން ޔަގީންކޮށް ދެއްވި ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް އެ ބޭފުޅުން ތާއިދު ވެސް ކުރައްވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭގެ ތާއިދު ވެސް ރައީސް ސޯލިހަށް ވަނީ ލިބިފަ އެވެ.













