ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ ލިޔުމުން ޖަވާބު ދެއްވުމުން، އެ ޖަވާބާ މެދު އަމަލުކުރާނެ ގޮތާ މެދު އޮޅުން އަރައި މަޖިލިސް މެދު ކަނޑާލައިފި އެވެ.
އެ މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި އިރު، މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ޖަވާބު ލިޔުމުން ފޮނުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ރިޔާސަތަށް އަންގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނިމުމުން އޭޖީގެ ޖަވާބު އިއްވަވަން ރިޔާސަތުން ނަޝީދު އަމީން އާންމަށް އަންގަވަނިކޮށް ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބު ދެއްވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މަޖިލީހުގައި ނެތް ކަމަށެވެ.
"އާއްމު ކޮމިޓީން ނިންމާފައި އޮންނާނީ ބަންޑާރަނައިބު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާ އިރު އަމަލުކުރާނެ އުސޫލެއް. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓްގެ ވަގުތު، އަދި ބަހުސްގެ މެދުތެރެއިން ބޭނުންފުޅު ވަގުތެއްގައި 10 މިނެޓްގެ ވަގުތެއް އަދި ބަހުސް ނިމުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް. ޖުމްލަ 30 މިނެޓްގެ ވަގުތެއް، އެއީ ޖަވާބުދާރީވާން މިތަނަށް ވަަޑައިގެން އަމަލުކުރައްވާނެ އުސޫލު. އާއްމު ކޮމިޓީން ނިންމާފައެއް ނެތް އިއްޒަތްތެރި ރައީސް، ޖަވާބުދާރީވާން ލިޔުމުން ހުށަހެޅުއްވީމާ އެ ލިއުން އިއްވާނެ ގޮތުގެ އުސޫލެއް،" ހަސަން ވިދާޅުވި އެވެ.
އެ މައްސަލާގައި އާއްމު ކޮމިޓީން ގޮތެއް ނިންމައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ނިޒާމީ މައްސަލައެއް ކަަމަށް ރިޔާސަތުން ނަޝީދު ކަނޑައެޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ވަޒީރަށް ޖަވާބުދާރީ ވެވަޑައިނުގެންނެވޭނެ ގޮތަކަށް މައްސަލަަ ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ އެ ނިންމުމާ ދެކޮޅު ހައްދަވައި ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ޖަވާބުދާރީވާން ވަޒީރު ވަޑައިނުގަންނަވާ ހާލަތުގައި އާއްމު އުސޫލުން، ޓޭބަލް އޮފީހުން ނިންމަވާ ގޮތަކަށް މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބުދާރީ ވެވަޑައިގަންނަވާ ހާލަތުގައި އަމަލުކުރާނެ ގޮތް އާއްމު ކޮމިޓީން ނިންމާފައި ނެތުމުން އެކަން ވަޒީރަށް އަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އެންމެ ކުޑަމިނުން އަޅުގަނޑު ވަޒީރު އަރިހުގައި މިވާހަކަ ދަންނަވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
އެހިސާބުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ އެ މައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރު މަޝްވަރާކުރައްވައިގެން ގޮތެއް ނިންމެވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ނަޝީދު ޖަލްސާ މެދުކަނޑުއްވައިލެއްވީ ސިޔާސީ ޕާޓީތަކުގެ މަަޝްވަރާ އަށެވެ.












