އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަަމަށް ފާސްކުރަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން މަޖިލީހަށް ވަޑައިގެންނެވުމުގެ ބަދަލުގައި އޭނާގެ ޖަވާބު ލިޔުމުން ފޮނުއްވައިފި އެވެ.
އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.
އެ މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި އިރު، މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ޖަވާބު ލިޔުމުން ފޮނުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ރިޔާސަތަށް އަންގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މެމްބަރުންގެ ސަމާލުކަމަށް ގެންނަން މި ޖެހެނީ އާއްމު ކޮމިޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމަވާފައި އޮތް އިޖުރާއަތެއް އަަޅުގަނޑުގެ އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިއުމުން ޖަވާބު ދެއްވާ. އެހެންވީމާ މިއީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަ ކުރަން،" ނަޝީދު ވިދާޅުވި އެވެ.
އޭޖީގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އިދިކޮޅުން އެކުލަވައިލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މަޑުެއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ޝަރީފެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މަޖިލީހަށް ޖަވާބު ދާރީވެވަޑައިގަންނަވަން އޭޖީ އިތުބާރު ނެތް ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާތީ ކަމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ ރިފްއަތަށް 30 މިނެޓުގެ ވަގުތުކޮޅެއް ޖަވާބުދާރީވުމަށް ދިނުމަށެވެ. އެއީ ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، ބަހުސްގެ މެދުތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން 10 މިނެޓާއެކު ޖުމްލަ 30 މިނެޓެވެ.
އެކަމަކު އޭނާ ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވުމާ ގުޅިގެން އަލުން އާންމު ކޮމިޓީން އެކަމާ މެދު ގޮތެއް ނުނިންމަނީސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ނިޒާމީ މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.
"އެއްވެސް ހާލެއްގައި ވަޒީރަށް ލިބޭ ފުރުސަތުތައް ހަނިވާ ގޮތަކަށް މި މައްސަލަ ކުރިއަކަށް ނުގެންދެވޭނެ. ވަޒީރަށް އެނގިވަޑައިގެންފައެއް ނެތް މި މައްސަލަ ހިންގަމުން ގެންދާނެ ގޮތެއް," އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.
އަދި, މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ނަޝީދު ވަނީ މަޖިލިސް މެދުކަނޑުއްވާލައްވާފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޮތީ މި މައްސަލައާ ދެކޮޅަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 44 ވޯޓެވެ.












