ލޯފަން މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ވޯޓު ލެވޭނެ ގޮތް ހެދުމަށްޓަކައި ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އިންތިހާބާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ ޖީހާން މަހުމޫދެވެ. އޭނާ ހުށަހެޅުއްވީ އިސްލާހުގައި ވަނީ އެ މީހުން އެދޭނަމަ ވޯޓު ކަރުދާހުގެ (ބެލޮޓު ޕޭޕާ) ޓެމްޕުލޭޓު ބޭނުން ކޮށްގެން ވޯޓު ލެވޭނެ ކަމަށް ބުނެފަ އެވެ.
ބެލޮޓް ޕޭޕާ ޓެމްޕުލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި, މުޅި މަޖިލީހުގެ ކޮމިޓީއަށް މި މައްސަލަ ފޮނުވުމަށް ފާސްވީ ވެސް 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގެ ބަހުސް މަރުހަލާ ވެސް މިއަދު ކުރިއަށް ގެންދިޔައިރު ހުރިހާ މެމްބަރުން ވެސް ވަނީ މި އިސްލާހު ވީހާވެސް އަވަހަށް ފާސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި, މިއަދުގެ ކޮމިޓީ ނަޝީދު ނިންމަވާލެއްވީ މާދަމާ ހެނދުނު 10:00 އާ ހަމައަށް އިސްލާހު ފޮނުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕުލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.
އެ ޓެމްޕްލޭޓު ބޭނުން ކުރެވޭނެ ހާލަތާއި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ.
ލޯފަން މީހުންނަށް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް އެދި ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.












