ރާއްޖެއަށް އެތެރެކޮށްފައިވާ އިންޖެކްޝަންތަކެއްގެ ކޮލިޓީ ދަށް ބެޗެއް ފެނިގެން, އެތަކެތި ވިއްކުން ސަރުކާރުން މަނާކޮށްފި އެވެ.
ކޮލިޓީ މައްސަލަތަކެއް ފެނުނީ އެސިލޮކް ނުވަތަ ރެނިޓިޑިން އިންޖެކްޝަނުގެ 25މލ ހިމެނޭ ބެޗަކުންނެވެ. މި އިންޖެކްޝަނަކީ ރާއްޖެ އެތެރެކުރާ އިންޖެކްޝަނަކަށް ވާއިރު, މައްސަލަ ޖެހުނު ބެޗު ރާއްޖެ އެތެރެ ކުރުމާއި, ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެ އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓެއްގައި ވަނީ, މި އިންޖެކްޝަނުގެ މައްސަލަ ޖެހިފައިވާ ބެޗު ކަަމަށްވާ RP21311 ބެޗު އެއްްވެސް ބޭސް ފިހާރައެއްގައި ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް އެދިފަ އެވެ.
ކޮލިޓީ ދަށް އިންޖެކްޝަން އުފައްދާފައި ވަނީ އިންޑިއާ އަހްމެދާބާދުގެ ކަޑިލާ ފާމަސޫޓިކަލްސްއިން އުފައްދާފައިވާ އަންނަ އަހަރު ޖޫން މަހު މުއްދަތު ހަމަވާ ބެޗެއްގަ އެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ, ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމަލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.

ރެނިޓިޑިން އިންޖެކްޝަނަކީ ބަނޑާއި ގޮހޮރުގައި ނަގާ އަލްސާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ އިންޖެކްޝަނެކެވެ.












