ރާއްޖޭގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކުގެ އެކި ހަރަކާތްތައް ހިންގުމަށް ނ. މާފަރުން ބިން ދިނުމަށް ނިންމައިފި އެވެ.
މާފަރުން ސިޔާސީ ޕާޓީތަކަށް ބިން ދިނުމުގައި އަމަލުކުރާނެ އުސޫލެއް މިއަދު އެ ރަށު ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގައި ބުނެފައިވާގޮތުން މާފަރުން ބިން ދިނުމަށް ހަމަޖެހިފައިވަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.
އެގޮތުން ޕާޓީތައް ހިންގުމަށް ބޭނުންވާ އިދާރީ އޮފީސް ނުވަތަ ހަރުގެ ހެދުމަށާއި، އެހެން ސިޔާސީ ހަރަކާތްތައް ހިންގުމަށްވެސް މާފަރުން ބިން ދޫކުރެވޭނެ އެވެ. ޕާޓީތަކަށް ބިން ދޫކުރުމަށް އެންމެ ފުރަތަމަ ނިންމި ރަށަކީ ހއ. ބާރަށެވެ.
މާފަރު ކައުންސިލުން ފާސްކޮފައިވާ އުސޫލުގައި އިތުރަށް ބުނެފައިވަނީ އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް ދެ ރުފިޔާއަށްވުރެ ކުޑަނުވާނެ ރޭޓަކުން 3،000 އަކަ ފޫޓުގެ ބިންތަކެކެވެ. އެ ބިންތައް ދޫކުރެވޭނީ އެކަމަށް އެދި މާފަރު ކައުންސިލަށް ހުށަހަޅާ ޕާޓީތަކަށެވެ.
މާފަރަކީ ނ. އަތޮޅުގެ ބިންބޮޑު ރަށެކެވެ. ބައިނަލްއަގުވާމީ އެއާޕޯޓެއްވެސް ގާއިމުކުރެވިފައިވާ މާފަރަކީ 2،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.














