ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކަން ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ސަރުކާރުން އެހީވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ދަރިމައިވުމުގެ ފަރުވާއާ ބެހޭ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައިވީއެފްގެ ހިދުމަތަކީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ފަރުވާއެއް ކަމަށެވެ.
"ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށްބޮޑު ގުރުބާނީއެއް ވޭ. ބައެއްފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ހަރަދުކުރޭ،" ހިދުމަތް ފެށުމާ ގުޅިގެން ޓްރީޓޮޕަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ވެސް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ނެޝަނަލް ފަޓިލިޓީ ކެއާ ޕްރޮގްރާމް ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ދެކޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ކުރަމުން މި އަންނަ ކަމަކީ، މިފަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"މީގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި، މި ހިދުމަތް ބޭނުންވެފައިވާ މީހުންނާ ގުޅުވައިދެވޭނެ ގޮތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން، އަދި މިކަމުގައި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަން ކުރުމަށް ވެސް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިފަދަ ސިއްހީ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ މިހާރު ކުރަން ޖެހިފައި އޮތް ކަމަށެވެ. އެގޮތުން އެއީ ކާބޯތަކެއްޗާއި ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއް ތޯ ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.












