އޮކްޓޯބަރު 2020، ގައި ހުޅުމާލޭ ފަޅުގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތެކެތި ފެނުނު މައްސަލާގައި، އެ ދޯނި ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި ތިން ފުލުސް އޮފިސަރަކު ޝަރީއަތުގައި މިއަދު ހެކިބަސް ދީފި އެވެ.
އެ މައްސަލާގައި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތްކުރަމުންދާ މައްސަލާގައި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ ހަ ހެއްކެއްގެ ހެކިބަސް ނެގުމެވެ. ފުލުހުންގެ އިތުރުން ހެކިބަސް ދިނީ، މަސްތުވާކެތި ފެނުނު ދޯނީގެ އިންޖީނު މައްސަލަ ޖެހުމުން އިންޖީނު ހަދައިދިން މީހާ އާއި އޭނާގެ ދަރިފުޅާއި އެ ދޯނި ކަފު ޖަހައިގެން ހުޅުމާލެއާ ހަމައަށް ގެނެސްދިން ދޯނީގެ ވެރިފަރާތެވެ.
ފުލުހުންގެ ތެރެއިން މިއަދު ފުރަތަމަ ހެކިބަސް ދިނީ ދޯނި ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ ޓީމު ލީޑުކޮށްދިން ފުލުސް އޮފިސަރެވެ. އެ އޮފިސަރު ކިޔައިދިން ގޮތުގައި އޭނާއަށް ފުލުހުންގެ އިންޓެލިޖެންސުން މައުލޫމާތު ދިނީ ބަޔަކު ކަންނެލި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ދޯނީގެ އިންޖީނު މައްސަލައެއް ޖެހިގެން އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން މާލެ ގެންނަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ކަންނެލި ޖެޓީގައި ދޯނި އަޅަމުންދާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް ބެލިއިރު، މައުލޫމާތު ލިބުނު ދޯނި އެ ޖެޓީގައި އޮތް ކަމަށް ފުލުސް އޮފިސަރު ބުންޏެވެ. އޭރު މި މައްސަލާގައި ދައުވާ ކުރާ އަނަސް ހުސައިނާއި އަސީލް މާހިރާއި ބަންގްލަދޭޝްގެ ދެ މީހުން ތިބި ކަމަށް ވެސް އޮފިސަރު ބުންޏެވެ. އަދި އިތުރު ދިވެއްސަކު ވެސް ހުރި ކަމަށް ފުލުސް މީހާ ބުންޏެވެ.

ހެކިވެރިޔާ ކިޔައިދިން ގޮތުގައި ކަންނެލި ދޯނި ބަލައި ފާސްކުރިއިރު އެއް ވާގަނޑެއްގައި އައްސާފައި އޮތް ތިން ބަސްތާއަކާއި ވަކިން ދާގަނޑެއް ތެރެއިން ބަސްތާއެއް ފެނުނެވެ. އެ ބަސްތާތައް ކަނޑާފައި ބެލިއިރު، ރަބަރު ޕެކެޓުތަކެއް ފެނުނެވެ. އެ ޕެކެޓުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ކަމަށް ބުންޏެވެ. އެއާއެކު، ފަސް މީހުންނަށް ގާނޫނީ އިންޒާރު ދީފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އޭރު ދޯނިން ފެނުނު މަސްތުވާތަކެއްޗާއި ދޯނީގައި ތިބި ފަސް މީހުން ގޮވައިގެން ހުޅުމާލެ ކަސްޓޯޑިއަލަށް ގެންދެވުނު ކަމަށް ފުލުސް މީހާ ބުންޏެވެ. އޭގެ އިތުރަށް ދޯނިން ފެނުނު، ފަސް މީހުންގެ ބައެއް ސާމާނު ވެސް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ދަބަހަކުން ފެނުނު ބަނގުރާފުޅިތަކަކާއި އިތުރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަޅާފައި ހުރި ޕެކެޓުތަކުގެ އިތުރުން ޖީޕީއެސްތަކާއި ފޯނުތަކެއް ހިމެނެ އެވެ.
އޭރު ފަސް މީހުން ހައްޔަރުކުރި ނަމަވެސް އޭގެ ތެރޭގައި ހިމެނޭ އެކަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އެއީ 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ. އޭނާގެ މައްސަލަ ބެލީ ޖުވެނައިލް ކޯޓުންނެވެ. އެ ކޯޓުން ނިންމީ އޭނައަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ.
ދެން ހެކިބަސް ދިން ދެ ފުލުހުން ވެސް އެގޮތަށް ހާދިސާ ހިނގި ކަމަށް ހެކިބަސް ދިނެވެ. ފުރަތަމަ ހެކިބަސް ދިން ދެ މީހުން ބުނި ގޮތުގައި ބަސްތާތަކުން ފެނުނު ޕެކެޓުތަކުގެ އަދަދެއް މިހާރަކު ހަނދާނަކު ނެތެވެ. ތިން ވަަނަ މީހާ ބުނީ 26 ޕެކެޓު އެއިން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުރި ތަކެތި ބޮޑަށް ވައްތަރީ މެތު އަދި ހެރޮއިން ބާވަތުގެ މަސްތުވާތަކެއްޗާ ކަމަށް ވެސް އޭނާ ބުންޏެވެ.
ތިން ވަނައަށް ހެކިބަސް ދިން ފުލުސް މީހާ ބުނި ގޮތުގައި އެ ދުވަހު ޕޮލިސް އިންޓެލްއިން ލިބުނު މައުލޫމާތަކީ އެ ކަމުގައި އިސްކޮށް އުޅެނީ ދެން ދައުވާކޮށްފައިވާ ޝަހީބު އިބްރާހިމާއި އަހުމަދު މޫސާ އެވެ. ދޯންޏަށް ދިޔައިރު ދޯނީގައި އެ ދެ މީހުން ނެތުމުން އެ މީހުން ހޯދުމަށް މަސައްކަތްތަކެއް ކުރިތޯ ދިފާއުން އެހި އެވެ. އެ ކަމުގައި އޭނާ މަސައްކަތް ނުކުރާ ކަމަށާއި އެހެން ފުލުހުން ކުރި ކަމެއް ނޭނގޭ ކަމަށް ބުންޏެވެ.
މައްސަލާގައި ދައުވާކޮށްފައިވާ ހަ މީހުންގެ ދިފާއީ ވަކީލުން ވެސް ވަނީ އެއިން ކޮންމެ ފުލުހަކަށް ވެސް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެ ގޮތުން ދޯނީގެ ސައިޒާއި ދޯނީގެ ކުލަ އާއި ދޯނިން ފެނުނު މީހުން ލައިގެން ތިބި އަންނައުނުގެ ތަފުސީލާއި ފެނުނު ބަސްތާތަކާއި ދާގަނޑުގެ ތަފުސީލުތަކަށް ދާން ދެން އެއްސެވެ. މިހާރު އެހާ ތަފުސީލުތައް ހަނދާން ނެތް ކަމަށް ހެކިބަސް ދިން ތިން ފުލުހުން ވެސް ބުންޏެވެ.
އަންނަ އަންގާރަ ދުވަހު މެންދުރުފަހު 2:00 ތިން ހެއްކެއްގެ ހެކިބަސް ނެގުން އޮންނާނެ ކަން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވި އެވެ. އަދި އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުވާކޮށްފައިވާ މީހުން
- ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް
- ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ
- ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
- ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
- ބަންގްލަދޭޝްގެ އިގުބާލް
- ބަންގްލަދޭޝްގެ މުހައްމަދު ރިޔާދު
އެ މައްސަލާގައި ދައުވާކޮށްފައިވާ ޝަހީބަކީ ހަމަ އެ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.













