ކުރިއަށް އޮތް ބޮޑު އީދު ދުވަސް މާލެގައި ކުލަގަދަކޮށް ފާހަގަކޮށް، 100 ބަކަރި ވެސް ކަތިލަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިފަހަރުގެ ބޮޑު އީދަކީ ޖޫން 29، އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ. ބޮޑު އީދުގެ މުނާސަބަތުގައި ހަތަރު ދުވަސް ރަސްމީކޮށް ބަންދުވާނެ އެވެ.
މާލެ ސިޓީގެ ފަރާތުން އިއްޔެ ގެޒެޓު ކުރި އިއުލާނުތަކެއްގައި ބުނީ މާލޭގައި ވަރަށް ބޮޑުކޮށް އަދި ކުލަގަދަކޮށް މިފަހަރު ބޮޑު އީދު ފާހަގަ ކުރަން ނިންމާފައިވާ ކަަމަށެވެ. އީދަށް މަގުތައް ޒީނަތްތެރިކޮށް ކުލަ ބޮކިލުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން މިފަހަރު ކަތިލާނީ 100 ބަކަރި ކަމަށް ކައުންސިލުން ބުނެ އެވެ. އެ ބަކަރިތައް ކައުންސިލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު އޮތީ އިއުލާނުކޮށްފަ އެވެ.
އީދާ ގުޅުވައިގެން މާލޭގައި މިދިޔަ އަހަރު ވެސް ވަނީ ޖަނަވާރު ގުރުބާންކޮށްފަ އެވެ. އެގޮތުން ބަކަރީގެ އިތުރުން ގެރި ވެސް މިދިޔަ އަހަރު ކަތިލި އެވެ. އަދި މީގެ ކުރިން 2011 ވަނަ އަހަރު ވެސް މާލޭގައި ވަރަށް ގިނަ އަދަދެއްގެ ބަކަރި ކަތިލާފައިވެ އެވެ. އެފަހަރު 300 އަށް ވުރެ ގިނަ ބަކައްޓާއި ދެ ގެރި ކަތިލާފައިވެ އެވެ.

titledesc












