ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލާގައި ހައްޔަރު ކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ހޯދަމުން ދަނިކޮށް ގައްބަރޭ ވަނީ މިއަދު ހެނދުނު އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި އިތުރު ދެމީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމަހުގެ 13 ވަނަ ދުވަހު އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާާފަ އެވެ.
ފުލުހުން ކުރިން ކުރި އިއުލާނެއްގައި ހަމައެކަނި ބުނެފައި ވަނީ ގައްބަރޭ، 32، ހޯދަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނު މައްސަލައެއްގައި ކަމަށެވެ.
ހޯދަން އިއުލާނު ކުރި ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.

މެމްބަރު ޒަރީރުއަށް ހަމަލާ ދިނީ މެއި 1، ގައި ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ (ކުރީގެ އޮރިގާނޯ) ގައި އޭނާ އިންނަވަނިކޮށެވެ.
ޒަރީރަށް ހަމަލާދިން އިރު، އޭނާއާ އެކު މާފަންނު ދެކުނު ދާއިރާގެ މެމްބަރު، އާދަމް އަލީ ވެސް އިންނެވި ކަމަށްވެ އެވެ. އަދި ހަމަލާދިން މީހުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި ސީސީޓީވީތަކަށް ވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.












