ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާއަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލަ ވެއްދީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.
މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ނުރަސްމީކޮށް މަޝްވަރާ ކުރީ މީގެ ކުރިން ވެސް އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވާން ވަގުތު ދީފައިވާ ގޮތަށް މި މައްސަލައިގައި ވެސް 30 މިނެޓު ދިނުމަށެވެ.
އެއީ ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، ބަހުސްގެ މެދުތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން 10 މިނެޓާއެކު ޖުމްލަ 30 މިނެޓެވެ.
ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް އެގޮތަށް ހުށަހެޅުއްވުމުން އެކަމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގައި ދެނީ ދެ ގަޑިއިރެވެ. އެހެންވެ، ރިފްއަތަށް ޖަވާބުދާރީވާން 30 މިނެޓު ދޭ އިރު، ބާކީ އެއް ގަޑިއިރާއި 30 މިނެޓުގައި އޮންނާނީ މެމްބަރުން ބަހުސް ކުރުމެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރާ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުންނާއި އެމްއެންޕީ އާއި ޖުމްހޫރީގެ ޕާޓީ ހިމެނެ އެވެ.
އިން ވަކި ކުރުމުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އެ މެމްބަރުން މިއަދު ވަނީ ވައްދައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، މީގެ ކުރިން ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ އިޓްލޮސްގެ ނިންމުމަކީ އެޓާނީ ޖެނެރަލްގެ ޓީމުން ދައުލަތުގެ ހައްގުގައި ކުރެއްވި އިހުލާސްތެރި ކާމިޔާބު މަސައްކަތެއް ކަމަށެވެ. ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ރިފްއަތުއާ އެކުގައި އެމްޑީޕީގެ ޕީޖީ ގްރޫޕް އޮތް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 43 ވޯޓެވެ.













